ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ / މިހާރު
ހަބަރު, ސިޔާސީ
ފަނޑިޔާރުން އައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީން ކުޅެނީ ޑްރާމާ: ކުރީގެ އުއްތަމަ ފަނޑިޔާރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިފަހުން ކުޅެނީ ޑްރާމާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ދީދީ މިފަދައިން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުންގެ މެދުގައި ބަހުސެއް ހިނގައިފި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ ދެ މަގާމަށް ގެންނަން ޖޭއެސްސީ އިން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ނިންމައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން އިއްޔެ އޮތް ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

ނަމަވެސް، އޭގެކުރިން އެ ބައްދަލުވުމުގައި ފަނޑިޔާރު ސަލީމްގެ ޝަރުތާ މެދު ހޫނު ބަހުސެއް ހިނގާފައިވެ އެވެ. ޖޭއެސްސީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ.

އޭނާއަކީ ގާނޫނީ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި އެއްވެސް އިރަކު ވަކާލާތު ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ޖޭއެސްސީގެ ބައްދަލުވުމުގައި އިއްޔެ ކަންބޮޑުވުން ފާޅުކުރެއްވި މެންބަރުން ވިދާޅުވެފައިވެ އެވެ. އިންޓަވިއުގައި ފަނޑިޔާރު ސަލީމް ވެސް އެގޮތަށް ބަޔާން ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޖޭއެސްސީ ސިޔާސީވެ ނާގާބިލު ފަނޑިޔާރުން ކޯޓުތަކަށް އައްޔަނު ކުރުން އާންމުވެ އެކަމަށް ގިނަބަޔަކު ނުރުހުން އަމާޒުކުރަމުން ދަނިކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ކަނޑައެޅިގެން ހިލާފަށް ފެށިގެންދިޔަ ޢައިރު ދުސްތޫރީ މަރުހަލާއެއްގެ ދަށުން، އަދުލު އިންސާފް ޤާއިމުކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ދުރުކޮށް، އެ ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީ އަށް ލިބިގެން ނުވާ ބާރެއްގެ ދަށުން، އެ ކޮމިޝަނުން ހިންގާފައިވާ އައިރު ދުސްތޫރީ އިޖްރާއާތަކީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި، 159 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހިންގާފައިވާ ބާޠިލް އިޖްރާއަތެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ޤާނޫނުއަސާސީގެ ތަސައްވުރަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަން ޖެހިއްޖެނަމަ ، ބާ އާއި ބެންޗް ގައި ހިމެނޭ "ރިނައުންޑް" ވަކީލުން/ފަނޑިޔާރުން ގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ފަރާތެއް އައްޔަންކުރުމާ މެދު ޖޭއެސްސީގެ މަޝްވަރާޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ފަހު އައްޔަންކުރުން ކަމަށް

- ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ލިޔުއްވާފައިވެއެވެ.

އިޖުރާއަތާ ހިލާފަށް ފަނޑިޔާރުން އައްޔަން ކުރުމުން ދެން އުފެދޭނީ ޑިފެކްޓޯ ކޯޓެއް ކަމަށެވެ. ޑިފެކްޓޯ ކޯޓެއްގެ މާނައަކީ ކޯޓެއްގެ ހުރިހާ ޝަރުތުތައް ހަމަނުވުމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ރައިސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމުގެ ނަމުގައި، ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކުރަން އިޢުލާންކުރާ ބީދައިން އިޢުލާންކޮށް ހިންގާ އެންމެހައި އިޖްރާއާތަކީ އެއްވެސް އަސްލެއް ނެތް ބާތިލް އިޖްރާއާތެއް ކަމަށް ދީދީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަ ބެލީ މައްސަލަ ބަލަން އޮންނަ އިޖުރާއަތާ ހިލާފަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އެކަން ފާހަގަ ކުރެއްވި އެވެ. އެކަމަކު، ފަނޑިޔާރުން ވަކި ކުރަން މަޖިލީހުން ނިންމީ ފިލްޒާގެ ނިންމުމަށް ނުބަލަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved