ފުލެޓު ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް މިނިސްޓަރު ވިދާޅުވި / ރައީސް އޮފިސް
ހަބަރު
ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓު ދޭން ނިންމާ މި ސަރުކާރުން އަނެއްކާވެސް އުނބަށް ޖަހައިފި
29 މޭ 2025
މާލެ ސިޓީ

ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓު ދޭން ނިންމާ މި ސަރުކާރުން އަނެއްކާވެސް އުނބަށް ޖަހައިފިއެވެ.

ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރި ފްލެޓުތަކުގެ ލިސްޓު އިންސާފުވެރި ނޫން ކަމަށް ބުނެ މި ސަރުކާރުން އެ ލިސްޓާ ގުޅިގެން މައްސަލަތަކެއް ބެލިއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެންވެސް ފްލެޓު ދޫކޮށްފައި ހުރި ގޮތް އިވެލުއޭޓުކޮށް ލިސްޓަސް އުނި އިތުރުވެސް ގެނައެވެ.

އެ މަސައްކަތަށް ތަން ދިނުމުގެ ގޮތުން އޭރު އެ ފްލެޓުތައް ދޫކުރުން ހައުސިން މިނިސްޓްރީ މަޑު ޖައްސާލިއެވެ. އެއާއެކު ހައުސިން މިނިސްޓްރީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ ގިނަ ލިޔެކިޔުންތަކެއް ގެއްލިގެން ނެތިގެންވެސް ގޮސްފައިވެއެވެ.

އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.

އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓެއް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ބަދަލު ހޯދަން ފްލެޓު ގެއްލުނު މީހުންނަށް ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނަން ފެށިއެވެ.

މިފަދަ ނުރުހުންތަކެއް ސަރުކާރަށް އަމާޒުވެފައިވަނިކޮށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.

ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އޭސީސީއިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގަ ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި އެކުލަވާލި ގެދޮރުވެރިޔާގެ ފުލެޓު ދިނުމުގެ އުސޫލުގައިވަނީ، 73 ޕޮއިންޓް ލިބިފައިވާ ފަރާތްތައް ދެ ކޮޓަރީގެ އެޕާޓްމެންޓަށް ޝަރުތު ހަމަވާ ކަމަށެވެ. އަދި ތިން ކޮޓަރި ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 76 ޕޮއިންޓް ލިބޭ މީހުންނަށެވެ. އަދި 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ބާކީ ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ބަހަން ގުރުއަތު ނަގާނެ ކަމަށް އެ ސަރުކާރުން ނެރުނު އިއުލާނެއްގައިވެއެވެ.

ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި 73 ޕޮއިންޓަށް ވުރެ ގިނައިން 1،218 ފަރާތަކަށް ޕޮއިންޓް ލިބިފައިވާއިރު، 75 ޕޮއިންޓަށްވުރެ މަތީން 3،721 ފަރާތަކަށް ޕޮއިންޓް ލިބިފައިވެއެވެ.

މި ސަރުކާރުން ފޯމުތައް ބެލިއިރު ބަލައިފައިވަނީ 3 ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓާއި އެއަށް ވުރެ މަތިން ލިބުނު ފޯމުތަކާއި ދެ2 ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓާއި އެއަށް ވުރެ މަތިން ލިބުނު ފޯމެވެ. އެއީ 4،939 ފޯމެވެ.

އެ ފޯމުތަކުގައި ހުރި މައްސަލަތައް ކަމަށް މުއްތަލިބު ފާހަގަކުރެއްވީ، 391 ދެމަފިރިންނަށް ވަކިވަކިން ފުލެޓް ލިބިފައިވުން، ފުލެޓެއް ނުވަތަ ގޯއްޗެއް ކުރިން އޮތް 302 މީހުންނަށް ފުލެޓް ލިބިފައިވުން އަދި ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ 305 މީހުންނަށް ފުލެޓު ލިބިފައިވުމެވެ.

އެ އެންމެންނަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށާއި، ފުލެޓު ދިނުން ކުރިއަށްގެންދާނީ އެއަށްފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝަރުތު ހަމަނުވާ މީހުން ފުލެޓު ލިސްޓުން އުނިވުމުން، 75 ޕޮއިންޓް ލިބިފައިވުމުން ގުރުއަތު ނެގުމުގައި ބައިވެރިވެވޭ މީހުންނަށް އެ ފުލެޓުތައް ލިބޭނެ ކަމަށެވެ.

4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައެވެ. ސަރުކާރުން މަސައްކަތްކުރަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުމެވެ. އެގޮތުން ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށާ، ސެޕްޓެމްބަރު މަހަށް އެ މަސައްކަތް ވެސް ނިންމޭނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved