

ރައީސް އިބްރާޙިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކުގެ މައްސަލައިގައި މި ސަރުކާރުން ގޮތް ނިންމާފައިވަނީ އެ މައްސަލައިގައި ލަފާއަރުވަން އައްޔަންކުރި ކޮމިޓީގެ ލަފަޔާ ޚިލާފަށްކަން ހާމަވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރި ފްލެޓުތަކުގެ ލިސްޓު އިންސާފުވެރި ނޫން ކަމަށް ބުނެ މި ސަރުކާރުން އެ ލިސްޓާ ގުޅިގެން މައްސަލަތަކެއް ބެލިއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެންވެސް ފްލެޓު ދޫކޮށްފައި ހުރި ގޮތް އިވެލުއޭޓުކޮށް ލިސްޓަސް އުނި އިތުރުވެސް ގެނައެވެ.
އެ މަސައްކަތަށް ތަން ދިނުމުގެ ގޮތުން އޭރު އެ ފްލެޓުތައް ދޫކުރުން ހައުސިން މިނިސްޓްރީ މަޑު ޖައްސާލިއެވެ. އެއާއެކު ހައުސިން މިނިސްޓްރީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ ގިނަ ލިޔެކިޔުންތަކެއް ގެއްލިގެން ނެތިގެންވެސް ގޮސްފައިވެއެވެ.
އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.
އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓެއް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ބަދަލު ހޯދަން ފްލެޓު ގެއްލުނު މީހުންނަށް ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނަން ފެށިއެވެ.
މިފަދަ ނުރުހުންތަކެއް ސަރުކާރަށް އަމާޒުވެފައިވަނިކޮށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.
ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އޭސީސީއިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގަ ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި އެކުލަވާލި ގެދޮރުވެރިޔާގެ ފުލެޓު ދިނުމުގެ އުސޫލުގައިވަނީ، 73 ޕޮއިންޓް ލިބިފައިވާ ފަރާތްތައް ދެ ކޮޓަރީގެ އެޕާޓްމެންޓަށް ޝަރުތު ހަމަވާ ކަމަށެވެ. އަދި ތިން ކޮޓަރި ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 76 ޕޮއިންޓް ލިބޭ މީހުންނަށެވެ. އަދި 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ބާކީ ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ބަހަން ގުރުއަތު ނަގާނެ ކަމަށް އެ ސަރުކާރުން ނެރުނު އިއުލާނެއްގައިވެއެވެ.
ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި 73 ޕޮއިންޓަށް ވުރެ ގިނައިން 1،218 ފަރާތަކަށް ޕޮއިންޓް ލިބިފައިވާއިރު، 75 ޕޮއިންޓަށްވުރެ މަތީން 3،721 ފަރާތަކަށް ޕޮއިންޓް ލިބިފައިވެއެވެ.
މި ސަރުކާރުން ފޯމުތައް ބެލިއިރު ބަލައިފައިވަނީ 3 ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓާއި އެއަށް ވުރެ މަތިން ލިބުނު ފޯމުތަކާއި ދެ2 ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓާއި އެއަށް ވުރެ މަތިން ލިބުނު ފޯމެވެ. އެއީ 4،939 ފޯމެވެ.
އެ ފޯމުތަކުގައި ހުރި މައްސަލަތައް ކަމަށް މުއްތަލިބު ފާހަގަކުރެއްވީ، 391 ދެމަފިރިންނަށް ވަކިވަކިން ފުލެޓް ލިބިފައިވުން، ފުލެޓެއް ނުވަތަ ގޯއްޗެއް ކުރިން އޮތް 302 މީހުންނަށް ފުލެޓް ލިބިފައިވުން އަދި ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ 305 މީހުންނަށް ފުލެޓު ލިބިފައިވުމެވެ.
އެ އެންމެންނަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށާއި، ފުލެޓު ދިނުން ކުރިއަށްގެންދާނީ އެއަށްފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުތު ހަމަނުވާ މީހުން ފުލެޓު ލިސްޓުން އުނިވުމުން، 75 ޕޮއިންޓް ލިބިފައިވުމުން ގުރުއަތު ނެގުމުގައި ބައިވެރިވެވޭ މީހުންނަށް އެ ފުލެޓުތައް ލިބޭނެ ކަމަށެވެ.
ސަރުކާރުން މި ފަދައިން ނިންމާފައިވީ ނަމަވެސް މިއި ކޮމިޓީގެ ލަފަޔާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާއަށް ތިން ކަމަކަށް ލަފާއަރުވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެ ތިން ކަމުގެ ތެރޭގައި ހިމެނެނީ، ނޮވެމްބަރު 15، 2023 ގައި އިއުލާނުކުރި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ބާތިލު ކުރުން، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދަން އެދި ހުށަހަޅާއިރު، ހުށަހަޅާންޖެހޭ ލިޔުންތަކާއި ޕޮއިންޓު ދޭނެ ރަނގަޅު އުސޫލެއް އެކުލަވައިލައި ސްކީމް އިސްލާހު ކުރުން އަދި އިސްލާހު ކުރާ، ހަރުދަނާ އުސޫލެއްގެ ދަށުން ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލުމެވެ.
އެހެންކަމުން ސަރުކާރުން ކުރީގެ ލިސްޓަށް ފްލެޓު ދޫކުރަން ނިންމާ އެކަން އިއްޔެ އިއުލާންކުރީ އެޑްވައިޒަރީ ކޮމިޓީގެ ލަފަޔާ ޚިލާފަށްކަން މިވަނީ ހާމަވެފައެވެ.
މީގެ އިތުރުން ހައުސިން އެޑްވައިޒަރީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެއީ:
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދަން އެދި ހުށަހެޅި އެޕްލިކޭޝަންތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އުސޫލާ ހިލާފަށްކަން އޭސީސީގެ ތަހުގީގުން އެނގޭކަން
ފްލެޓު ލިބޭ މީހުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅުމުގައި އަމަލު ކޮށްފައި ވަނީ އުސޫލާ ހިލާފަށްކަން
ޕޮއިންޓު ދިނުމުގައި އަމަލު ކޮށްފައި ވަނީ އުސޫލާ ހިލާފަށްކަން
ޕްރޮޕަޓީ ޗެކް ކުރުމުގައި ބަލާފައި ވަނީ އަދާހަމަކޮށްފައިވާ ޑޭޓާބޭސްއަކަށް ނޫންކަން
ކަމާގުޅޭ ދައުލަތުގެ ހުރިހާ އިދާރާއަކުން މައުލޫމާތު އެއްކުރެވިފައި ނެތްކަން
އުސޫލާ ހިލާފަށް އަނގަބަހުން އިރުޝާދުތަކެއް ދީފައިވާކަން
ވަގުތީ ލިސްޓު އަދި ޝަކުވާ ހުށަހެޅުމުގެ މަރުހަލާގައި އިތުރު ލިޔެކިޔުން ހުށަހެޅޭނެކަމަށް އިއުލާނު ކޮށްފައި ނުވި ނަމަވެސް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ބައެއް އެޕްލިކަންޓުން ހުށަހެޅި އާ ލިޔެކިޔުމަށް ބިނާކޮށް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމާއި އަދި އެ ލިޔެކިޔުމަށް ބިނާކޮށް ޕޮއިންޓަށް ބަދަލު ގެނެސްފައިވާކަން. ނަމަވެސް ހަމަ އެފަދައިން ލިޔުން ހުށަހެޅި ބައެއް އެޕްލިކަންޓުންނާމެދު އެ އުސޫލުން އަމަލު ކޮށްފައި ނުވާކަން، އެފަދައިން އަމަލު ކުރުމުގެ ސަބަބުން މި ސްކީމަށް ކުރިމަތިލާފައިވާ އެންމެންގެ މެދުގައި ހަމަހަމަކަމާއެކު އެއް މިންގަނޑަކުން އަމަލު ކޮށްފައި ނުވާކަން
ގެދޮރުވެރިޔާ ސްކީމު ހިމެނޭގޮތުން އޭރުގައި އެކުލަވައިލި ގެދޮރުވެރިން ކޮމިޓީ ނިންމުންތައް މި ސްކީމުގެ ދަށުން އަމަލު ކުރެވޭ އުސޫލާއި ފުށުއަރާކަމާއި އަދި އެ ކޮމިޓީގެ ނިންމުންތަކާއި ކޮމިޓީން ބޭރުން ނިންމި ނިންމުންތައް މި ސްކީމުގެ ދަށުން އަމަލު ކޮށްފައިވާ ގޮތާއިވެސް ފުށުއަރާކަން
ވަގުތީ ލިސްޓާއި ދާއިމީ ލިސްޓުގައި އެޕްލިކޭޝަނުގެ ފަރަގު އައިސްފައިވާކަން، އަދި އެކަން އެހެން މެދުވެރިވެފައިވާ ސަބަބެއް އެނގެން ނެތްކަން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ތެރެއިން 20 ޕަސެންޓު މީހުން ހުށަހަޅާފައިވާ ފޯމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް އޭސީސީން ފާހަގަކޮށްފައިވާއިރު، އެ ފޯމުތަކަށް ޕޮއިންޓު ދިނުމުގައި އަމަލު ކޮށްފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ އުސޫލާ އެއްގޮތަށްކަން ނުވަތަ އޭރުގެ ގެދޮރުވެރިން ކޮމިޓީގެ ނިންމުމާ އެއްގޮތަށް 70 ޕަސެންޓު ޕޮއިންޓު ކޮމިޓީގެ މެންބަރުން ދިނުމަށް ނިންމި ނިންމުމާ އެއްގޮތަށްކަން ސާފުކޮށް އެނގެން ނެތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައެވެ.