

ށ. ނޫމަރާ ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ވަގަށް ގެއަކަށް ވަދެ ބިރު ދައްކާ ގަސްތަކެއް ކަނޑައިފިއެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ދެމުން ގޭގެ ވެރި ފަރާތުން ހާމަކުރި ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ (ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ އެހީތެރިޔާ)ގެ މަގާމުގައި ހުރި ހަސަން އިމާޒު އާ އަދި އެހެން މީހަކާ ވެގެން އެގޭގައި ހުރި ތިން ގަހެއް ކަނޑާފައިވާ ކަމަށެވެ.
ގޭގެ ވެރި ފަރާތުން ކިޔައިދީފައިވާ ގޮތުގައި އިމާޒު ދިރިއުޅެމުން ދިޔަ ގޭގެ ގޯތިތެރެއަށް ވާ ގޮތަށް ބަނޑުކެޔޮ ގަހުން ގޮއްޕެއް އިންނާތީ އެކަމާ އުނދަގޫ ވެގެން އިމާޒު ގޭގެ ވެރި ފަރާތުގެ ހުއްދަ ނެތި ގޭގެ އިން ފާރު ތެރެއަށް ވަދެ ވަނީ އެ ގަސް ކަނޑާލާފައެވެ.
މިކަމާ ގުޅިގެން އިމާޒުގެ ބަހެއް ހޯދާލަން މި ނޫހުން ގުޅާލުމުން އިމާޒު ބުނީ ގަސް ކަނޑާލީ ގޭގެ ވެރި މީހާގެ ހުއްދައާ އެކު ކަމަށާ ގަސް ކަނޑާލިއިރު ގޭގެ ވެރިފަރާތްވެސް ކައިރީގައި ހުންނާނެ ކަމަށެވެ. އަދި ގަހަކީ އެގޭގައި ދިރިއުޅެމުންދާ ފަރާތުގެ ގަހެއްކަން އެމީހާއަށް ސާބިތުވެސް ނުކޮށްދެވޭނެ ކަމަށާ ގަސް ކަނޑަން ގެއަށް ވަންނަން ތަނަކުން ނުވަތަ މީހެއްގެ ހުއްދަ ބޭނުންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް އިމާދު ވަނީ ބުނެފައެވެ.
އިމާޒުގެ ވާހަކަތަކާ ގުޅިގެން ބަނބުކެޔޮ ގަސް ހުރިގޭ ވެރިމީހާއާ ސުވާލުކޮށްލުމުން ބުނެފައިވަނީ، މީގެ ކުރިން އެކަމުގައި އުނދަގޫތަކެއް ވާކަމަށް އިމާޒު ބުނުމުން އިމާޒުމެން ގޭގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫ ވާނަމަ ގަހުގެ ހަމައެކަނި އެ ގޮފި ކަނޑާލިޔަސް މައްސަލައެއް ނެތްކަމަށް ކުރިން ބުނެފައިވާނެ ކަމަށެވެ. ނަމަވެސް މިއަދު އޭނާ މެންދުރު ވަގުތު ކުޑަކޮށް ނިދާފައި ހޭލިއިރު ގޯތި ތެރެއަށް ހުއްދައަކާ ނުލާ ވަދެ ބޮޑު ބަނބުކެޔޮ ގަހާ އަދި ކުޑަ ގަހެއްގެ އިތުުރން ދޮން ކެޔޮ ގަހެއްވެސް އެއްކޮށް ކަނޑާ ވަނީ ބިމާ ހަމަކޮށްފައި ކަމަށްވެސް ގޭގެ ވެރި ފަރާތުން ބުނެފައިވެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި މިހަރު މި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.