

ސަހްޔޫނީން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް އަރަބި ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަޑައިގަތުމަށް ސަހްޔޫނީން ހުރަސްއަޅައިފި އެވެ.
ފަލަސްތީނުގެ ހުޅަނގުއައްސޭރީއަށް މި ހަފްތާ ބަންދުގައި ވަޑައިގަންނަވާ ގޮތަށް އޮތީ އަރަބި ފަސް ގައުމެއްގެ ހާރިޖީ ވަޒީރުންނެވެ. އެ ދަތުުރުފުޅުގައި މިސްރު، ޖޯޑަން، ޤަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހާރިޖީ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަ ޖެހިފަ އެވެ. އަދި ތުރުކީގެ ވަފުދަކާއި، އަރަބި ލީގުގެ ސެކްރެޓަރީ ޖެނަރަލް ވެސް މި ދަތުރުފުޅުގައި ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު، އެ ފަސް ވަޒީރުން ވެސް ރާމަﷲ އަށް ވަޑައިގަތުމުގެ ހުއްދައެއް ސަހްޔޫނީން ނުދިނެވެ.
ހުޅަނގު އައްސޭރީގެ ބޯޑަރާއި ވައިގެ ސަރަހައްދު ވެސް ކޮންޓްރޯލްކުރަނީ ސަހްޔޫނީން ކަމަށް ވާއިރު، އަރަބި ވަޒީރުންގެ ދަތުރަށް އެއްބާރުލުން ނުދޭނެ ކަމަށް ސަހްޔޫނީން ބުނުމުން އެ ދަތުރު ކުރިއަށް ގެންދެވޭނެ ގޮތް މިހާރު ވަނީ ނުވެފައި އެވެ.
ސަހްޔޫނީން ބުނެފައިވާ ގޮތުގައި ރާމަﷲ ގައި ފަލަސްތީނުގެ ސަރުކާރުގެ ވެރިންނާއި އަރަބި ގައުމުތަކުގެ ވަފުދު ބައްދަލު ކުރުމަކީ ސަހްޔޫނީން ރުޅިއަރުވަން ކުރާ ކަމެއް ކަމަށެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ އިއްތިހާދުގެ ޑިޕްލޮމެޓުންގެ ޓީމަކަށް އަމާޒުކޮށް ވެސް މިފަހުން ސަހްޔޫނީން ސިފައިން އިންޒާރު ދިނުމުގެ ގޮތުން ވަނީ ބަޑި ޖަހާފަ އެވެ.
ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ ބަޑި ޖެހި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ބުނީ އެގޮތަށް ކަންތައް ކުރީ ޑިޕްލޮމެޓުން ވަންނަން ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުވެ އެހެން ދިމަދިމާލަން ދާން އުޅުމުން އެކަން ހުއްޓުވަން އިންޒާރެއްގެ ގޮތުން ކަމަށެވެ.
ހުޅަނގު އައްސޭރީގައި ސަހްޔޫނީންގެ ބާރު ދައްކާ އާބާދުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއްގެ ގޮތުގައި އދ އިން ދެކެ އެވެ. އަދި އެއީ ދެމެހެއްޓެނިވި ސުލްހަ އަށް ހުރަސް އެޅޭނެ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.