ރައީސް ޔާމީން / ތޭރަގްރެފިކްސް
ސިޔާސީ
ސަލީމުގެ ޝަރުތު ހަމަވަނީ އަޅުގަނޑުގެ މައްސަލަ ލަސްކުރިކުރުމުން އެކަނި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
01 ޖޫން 2025
މާލެ ސިޓީ

ސުޕްރީމު ކޯޓަށް އައްޔަންކުރާ ފަނޑިޔާރަކަށް، މިހާރުގެ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމުގެ ޝަރުތު ހަމަވަނީ އެންމެ ކަމަކުން ކަމަށާ އެއީ އެމަނިކުފާނުގެ ޝަރީއަތް ލަސްކުރިކުރުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމު ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމު އައްޔަން ކުރަން މަސައްކަތްކުރަނީ އޭނާގެ ޝަރުތު ފުރިހަމަ ނުވާއިރުކަމަށް ވީއިރު ގަވާއިދާ ޚިލާފަށް އެކަން ކުރަނީ އޭގެ ފަހަތުގައި ބައިވަރު ސިއްރުތައް ހުރުމުން ކަމަށެވެ.

އެގޮތުން އެންމެ މުހިއްމު އެއް ކަަމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ނުކުރެވޭނެހެން ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ލަސްކުރިކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޝަރީއަތް ބާއްވަން އުޅޭ ދުވަސް ދުވަހަށް ނުބޭއްވޭ. ޑރ. ޖަމީލު ވަރަށް ރަނގަޅަށް ހަނދާންހުންނާނެ. ދެން އަޅުގަނޑުމެން އޭގެ ސިއްރު ދެނެގަނެފިން. ޕީޖީގެ މީހުން ނުފޮނުވަނީ. ޕީޖީއަކަށް ހުރީ ޝަމީމް. ޝަމީމްގެ ވަރަށް ގާތް ޑެޕިއުޓީއެއް އޭރު އުޅުއްވާ އަޅުގަނޑުމެން ޕާޓީގައި. އެބޭފުޅާގެ ގުޅުމުގެ މަތިން ތާވަލުކުރެވިފައިވާ ޝަރީއަތަށް ޕީޖީގެ ޕްރޮސިކިއުޓަރުން ނުދަނީ. ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ބުނީ ތިމަންނަމެންގެ މީހުން ވީ އައްޑު އަތޮޅުގައޭ. ބުނީމާ ފަނޑިޔާރުން ބުނީ މިހާރު ތިން ޖަލްސާ ކެންސަލްވެއްޖެއޭ. އޮންލައިންކޮށް ނަމަވެސް ކުރަންވާނެއޭ. އެއީ، އަޅުގަނޑުގެ ޕާޓީ ތެރެއިން ކުރި ކަންތައް.

- ރައީސް ޔާމީން

ފަނޑިޔާރުންގެ ތެރޭ ތިއްބަވާ ބޭފުޅުންގެ ތެރެއިން އެންމެ ނާގާބިލު ބޭފުޅަކީ ސަލީމުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވި، މައްސަލައަކީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމު އައްޔަންކުރުން ނޫން ކަމަށާ މައްސަލައަކީ އޮންނަ ނިޒާމުގެ ބޭރުން އެކަން ކުރަން އުޅުން ކަމަށެވެ. އެގޮތުން ކަންކަމަށް ގާބިލު ނޫން ބޭބޭފުޅުން ތަންތަނަށް އައްޔަންކުރުމުން ކަން ވެގެންދާ ގޮތް ވަރަށް ކައިރިން މި ސަރުކާރުގެ ތެރެއިން ފެންނަމުން ދާ ކަމަށާ އެގޮތުން ނިޒާމުގެ ތެރެއިން އޭގެ ނަތީޖާއަކަށް ފެންނަނީ ކަމެއް ނުވެދާ މަންޒަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved