20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތަށް އިތުރު 800 ވަރަކަށް އޮފިޝަލުން ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ މާޗު 17 ގައި މަޖިލިސް އިންތިހާބު ބާއްވަން ކުރަންޖެހޭ ބައެއް މަސައްކަތް ނިމި، އަނެއްބައި ކަންކަން ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ހޯދުމަށް ކުރި އިއުލާނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އެގޮތުން މިހާތަަނަށް 5،200 އަށްވުރެ ގިނަ އޮފިޝަލުން ލިބިފައިވާ ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ގާނޫނުގައި މިހާރު އޮތް ތާރީހުތަކަށް ބަލައިގެން މާޗު 17، ގައި އިންތިހާބު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާއިރު އިންތިހާބުގެ ކަންތައްތަކަށް އިތުރު 800 ވަރަކަށް އޮފިޝަލުން ބޭނުންވާ ކަމަށް ވެސް ހަބީބު ވަނީ ފާހަގަކުރައްވާފައެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މާޗު 17 ގައެވެ.
އެ ދުވަސް ރޯދަމަހާއި ދިމާވާތީ ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައެވެ. ނަމަވެސް އެ ބަދަލު އަދިވެސް ރައީސް ތަސްދީގުނުކުރައްވާކަން ފާހާގަކޮށްލެވެއެވެ.
އެހެންކަމުން ހަބީބު ވިދާޅުވީ އިންތިހާބުގެ ތައްޔާރީތައް ވަމުންދަނީ އިންތިހާބު ބާއްވާ ތާރީހަކީ މާޗް 17 ކަމަށް ބަލައިގެން ކަމަށެވެ.
އެގޮތުން އެ ތާރީހަށް ބަލައިގެން އޮފިޝަލުން ތަމްރީނުކުރުމާއި ލޯފަން މީހުންގެ ޓެމްޕްލޭޓުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދެމުން ގެންދަވާނެ ކަމަށްވެސް ހަބީބް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.