
ސިޔާސީ މެޑަލް ޖަހަންވެސް ވަކި ކަމެއް މި ސަރުކާރަށް ނޯންނާތީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.
މަލީހުގެ ފާޑުވިދާޅުވުން އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަޑައިގެންވެސް ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސީ މަސައްކަތްކުރުމުގައި އަވަދިނެތި ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް މަލީހު ވަނީ އެކަމަށް ބާރު ލިބިދޭ ގޮތަށް ޕޯސްޓުގައި ލިޔުއްވާފައެވެ.
އެގޮތުން މަލީހު ވިދާޅުވީ، ސިޔާސި ގޮތުން މެޑަލް ޖަހަން ވެސް ހެޔޮ ނުވާވަރުގެ ކަންކަން ހުންނައިރު ހައްޖުގެ މަތިވެރި އަޅުކަމަކީ ވެސް އެފަދަ ކަމެއް ކަމަށެވެ. އަދި އެ ތަނަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ގިނަ ވާނީ މިހާރު މުއިއްޒުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައި ތިބި މީހުން ކަމަށާ އެމީހުން އެ މާތް ބިމަށް ގޮސް ތިބީ ވެސް މަތިވެރި އަޅުކަމެއްގެ މަގްސަދުގައި ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ އެ މާތް ބިމުގައިވެސް ޕީއެންސީގެ ޖަގަހަ ޖަލްސާ ބާއްވާ އުސޫލުން މީހުންނާ ބައްދަލުކުރުމުގެ ނަމުގައި ސިޔާސީ ޖަލްސާ ބާއްވާ ނެތް މަޝްހޫރުކަން ހޯދަން ރައީސް މުއިއްޒު އުޅުއްވާތީ އެގޮތަށް އެކަން ނުކުރުމަށް މަލީހު ވަނީ ރައީސް މުއިއްޒަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މި ފަހަރު ހައްޖުގެ އަޅުކަމަށް ދިއުމަށް މީހުންނަށް ފުރުސަތު ދިން ގޮތާ މެދު ވެސް އަދި ހައްޖުގެ އަޅުކަމަށް ހޭދަކުރަން ލިބޭ ދުވަސް މަދުވިއިރުވެސް އަގަށް ބަދަލު ނުގެންނާތީ ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.










