ޑރ މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒުގެ ބަހާ އަމަލާ ދިމާނުވާކަން މިއަދު މުޅި ގައުމުވެސް ގަބޫލުކުރޭ: ޑރ. ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
04 ޖޫން 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަކީ ބަހާ އަމަލާ ދިމާނުވާ ބޭފުޅެއް ކަން މިއަދު މުޅި ގައުމުވެސް ގަބޫލުކުރާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާއަށް ރައީސް މުއިއްޒު ފޯރުވަމުން ގެންދަވާ ނުފޫޒާ އެކުވެސް އުއްތަމަ ފަނޑިޔާރު ގެންދަވަނީ ބަސްފުޅެއް ވިދާޅުނުވެ މަގާމުގައި ދިފާއުގައި ހަނު ހުންނެވުމުން އިޚްތިޔާރުކުރައްވަމުންނެވެ. ދާދި ފަހުން ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް، ގޮނޑި ގެއްލޭ ގާނޫނާ ދިމާކޮށް އުފަންވެ އެ ތިން ފަނޑިޔާރުންނާ މެދު ކަންވެގެން ދިޔަ ގޮތަކީ މުޅި ދުނިޔެ ވެސް އެކަމަށް މަލާމާތް ކުރި ނިންމި ނިންމުމެކެވެ. އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާ އަނެއް ދެ ފަނޑިޔާރުން ވަކިކުރުމުން އެއީ މިނެއް ނެތް މިންވަރަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށް ގިނަ ބަޔަކު ގެންދިޔައީ ބުނަމުންނެވެ. އެއަށް ފަހު ސުޕްރީމު ކޯޓަށް ވަކި ފަނޑިޔާރަކު އައްޔަންކުރުމަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވާކަމުގެ އަޑުތައް ގަދަވެ އަދި އެ ފަނޑިޔާރު މަގާމަށް ޝަރުތު ހަމަނުވާއިރުވެސް ރައީސް މުއިއްޒުގެ ނުފޫޒުން އެކަން އެގޮތަށް ކުރާތީ ފާޑުކިޔުން މުޅި ގައުމުގައި ވަނީ އަމާޒުވެފައެވެ.

މި ދަނޑިވަޅުގައި ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މުޅި ދިވެހި ގައުމުވެސް ގަބޫލްކުރާ ޙަގީގަތަކީ ރައީސް މުއިއްޒުގެ ބަހާއި ޢަމަލާ ދިމާނުވާކަމަށް ކެމެވެ. އެގޮތުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުން ނިމުނީކަމަށް ވިދާޅުވުމަށްފަހު، ދިވެހި ތާރީޚުގައި އެންމެ ބޮޑަށް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވި ވެރިމީހާކަމަށް ރައީސް މުއިއްޒު ވެއްޖެކަން ވެސް ރައްޔިތުން ގަބޫލުކުރާ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ހަމަ އެހެންމެ ތަޢުލީމީ، ނަޒާޙަތްތެރި ދެ ފަނޑިޔާރުން ވަކިކުރުމަށްފަހު، މިއަދު ސުޕްރީމް ކޯޓުވަނީ މިނިވަންކަމެއް ނެތް، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތަނަކަށް ހަދާފައި ކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، މުއިއްޒެކޭ އެއްފަދައިން އުއްތަމަ ފަނޑިޔާރު މުޢުތަޞިމުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ، ޖުޑިޝަރީގެ މިނިވަންކަން ނަގާލުމުގެ ބައިވެރިއެއްގޮތުގައި ކަމަށެވެ.

މުޅި ނިޒާމަށް ޢައްދާރުވި ބޭފުޅެއްގެ ގޮތުގައި މުއުތަސިމްގެ ނަން ލިޔެވޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved