

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ބްރޯޑްކޮމްގެ އެސްޖީ ކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނިންމުތައް ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެމަގާމުގައި ހުންނެވި މަރްޔަމް ޒީނިޔާ މަގާމުން ވަކިކުރުމުންނެވެ.
ބްރޯޑްކޮމްއިން ކުރި އިއުލާނެއްގައި ވަނީ، އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 23ވާ ހޯމަ ދުވަހުގެ 13:00އަށް ކަމަށެވެ.
އެ މަގާމުގެ މުސާރައިގެ ގޮތުގައި 20،500ރ. އާއި އެލަވަންސްގެ ގޮތުގައި 15،000ރ. ލިބެ އެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި 700ރ. އާއި މަގާމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައެޅިފައިވާ އެހެން އެލަވަންސްތައް ވެސް ލިބޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
ފަސް އަހަރުގެ މުއްދަތަކަށް ބްރޯޑްކޮމް އަށް އެސްޖީއަކު ހޯދަމުން އަންނައިރު، އެ މަގާމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އެ ކޮމިޝަނުގެ ގާނޫނާއި ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އެތަން ބެލެހެއްޓުމާއި ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކޮމިޝަނުގެ ޖަލްސާތަކުގެ އިދާރީ ކަންތައް ބެލެހެއްޓުމެވެ.
މިމަގާމަށް ކުރިމަތިލެވެނީ މަސައްކަތާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަކަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާއިން ދެ އަހަރުގެ ތަޖުރިބާ ހުރި މީހުންނަށެވެ. ނުވަތަ މާސްޓާސް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާ އިން ތިން އަހަރުގެ ތަޖުރިބާ ހުންނަ މީހުންނަށެވެ.
އެސްޖީގެ މަގާމުގައި ކުރިން ހުރި ޒީނިޔާ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.