

އަމިއްލަ ނަށާ ގްރޫޕެއް ކަމަށްވާ "ހިޔަލަ" އިން އީދު ދުވަހަށް ހާއްސަކޮށް ނެރުނު ލަވައެއް ހުއްދަ ނުހޯދައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބްރޯޑްކާސްޓްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކޮންމެ އީދެއް ނުވަތަ ގައުމީ ދުވަސްތައް ފަދަ ތަފާތު މުނާސަބަތުގައި ހިޔަލަ ގުރޫޕުން، ލަވަތައް ނެރެ އެވެ. ނުވަދިހައިގެ އަހަރުތައް ދައްކުވައިދޭ ގޮތަށް، މި ފަހަރު ވެސް އެ ގުރޫޕުން ތައްޔާރުކުރި ލަވަ "ބޯމަތިވަނީ" އާއްމުކޮށްފައިވަނީ އެ ގުރޫޕުގެ ޔޫޓިއުބް ޗެނެލްގަ އެވެ.
ހިޔަލަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގްރޫޕްގެ ހުއްދަ ނުހޯދައި ލަވަ ދެއްކުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ޕީއެސްއެމާއި އިތުރު އެހެން އެއްވެސް ބަޔަކަށް ލަވަ ދެއްކުމުގެ ހުއްދަ ނުދޭ ކަމަށް އެ ގުރޫޕުން ބުންޏެވެ.
މި ގުރޫޕްގެ އުފެއްދުމެއް ހުއްދަ ނުލައި ބޭނުން ކުރުމުން އަޅުގަނޑުމެންގެ ހައްގަށް އަރައިގަތުމުގެ އިތުރުން މިއީ ވަރަށް އަން ޕްރޮފެޝަނަލް ކަމެއް،
އެ ގުރޫޕުން ބުނިގޮތުގައި މިއީ އެ މީހުންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، އަހުލާގީ ގޮތުން ވެސް ވަރަށް ދަށް ފެންވަރުގެ އަމަލެކެވެ. އެހެންވެ، އެކަން ވަރަށް ސީރިއަސްކޮށް ނަގައި، ޓީވީއެމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށް ބުންޏެވެ.
މި ކަމުގައި މިހާތަނަށް ޕީއެސްއެމްއިން ބަހެއް ބުނެފައެއް ނުވެ އެވެ.