ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގައި ހިންގި ބޮޑު ހިޔާނާތުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޗެނަލް13އަށް މައުލޫމާތު ލިބިފައިވާއިރު ބަލަމުންދަނީ ކުރީގެ ރައީސް އިބްރާހިމުގެ ސަރުކާރުގައި ހިންގާފައިވާ 120 މިލިއަނަށް ވުރެ ގިނަ ފައިސާގެ ހިޔާނާތުގެ މައްސަލައެކެވެ. އެ މައްސަލަތައް ނިސްބަތް ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލު ދީނަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކަށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލައިގައި ހިމެނޭ މަޖިލިސް މެމްބަރުންނަކީ:
ދާންދޫ ދާއިރާ މެންބަރު ޔައުގޫބު އަބްދުﷲ
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
މާފަންނު ހުޅަނގު ދާއިރާ މެންބަރު މުހައްމަދު ފަލާހު
މާފަންނު މެދު ދާއިރާ މެންބަރު އިބްރާހިމް ރަޝީދު
އިސްދޫ ދާއިރާ މެންބަރު އަލީ ހަމީދު
ބާރަށު ދާއިރާ އަހުމަދު އަބުދުالله
މުހައްމަދު ނަސީމް ތުލުސްދޫ ދާއިރާގެ މެންބަރު
ތިމަރަފުށީ ދާއިރާ މެންބަރު އަބްދުالله ރިޔާޒް
ގެމަނަފުށީ ދާއިރާ މެންބަރު އަހުމަދު ސައީދު
ހުޅުދޫ ދާއިރާ މެންބަރު އިލްުޔާސް ލަބީބު
ކެލާ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް އެވެ.
މަޖިލިސް އިންތިހާބު ގާތްވެފައިވަނިކޮށް މި ފަދަ ބޮޑު ތަހުގީގެއް އޭސީސީއިން ކުރަން ފަށާފައިވާއިރު، ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި ފައްޔާޒު އިސްމާއީލްގެ ކުންފުނިތަކަކަށް އާރްޑީސީން ފައިސާ ޖަމާ ކުރި ކަމަށް ބުނާ މައްސަލަ އެއް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ފައްޔާޒުގެ އަމިއްލަ އެކައުންޓަށް އާރްޑީސީން ފައިސާ ޖަމާ ކުރުމާއި ސަދާން ސީ ޕްރައިވެޓް ލިމިޓެޑަށް ސެޕްޓެންބަރު 2022 ގައި ޖަމާ ކުރި ކަމަށް ބުނާ ފައިސާއިން ފައްޔާޒުގެ އެކައުންޓަށް ޖަމާކޮށްފައި ވެއެވެ. އަދި 2022 އަހަރު އާރްޑީސީން ފައްޔާޒުގެ އެކައުންޓަށް ޖަމާ ކުރި ކަމަށް ބުނާ ފައިސާއިން ކްރިޑިޓް ކާޑަށް ފައިސާ ދައްކާފައި އެވެ.
ފައްޔާޒާ ގުޅޭ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު ސާފެއް ޑޮކިއުމެންޓްތަކުން ސާފެއް ނުވެ އެވެ.
ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުދީނާ މި މައްސަލައާ ގުޅެނީ އޭނާގެ ދަރިކަލަކާ ހިސާބުންނެވެ. އެގޮތުން އޭނާގެ ދަރިކަލެއް ކަމަށް ޖައުފަރު ކަމާޅުއްދީންގެ ހިއްސާ އޮންނަ އަލްކަޒާ ޕްރައިވެޓް ލިމިޓަށް އާރްޑީސީން ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްވެސް މި ތަހުގީގުގެ ތެރޭގައި ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަކްރަމް ކަމާލުއްދީންގެ ދަރިކަލުން ހިއްސާ އޮންނަ އަލްކަޒާރު ކުންފުނި އުފެއްދީ 2018 ވަނައަހަރު، ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ އަހުމަދު ހިޝާމް އާއި ދަރިކަލުން ޖައުފަރު އަކްރަމް ކަމާލުއްދީނެވެ.
މަޖިލިސް މެމްބަރުންގެ ތެރެއިން، ދާންދޫން ދާއިރާގެ މެންބަރު ޔައުގޫބު އަލީގެ ދައްތަ ޝަފުގާގެ ހިއްސާ ސްޓެޓިކް ކުންފުންޏަށް އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯ އާއި އާރްޑީސިން ގިނަ އަދަދެއްގެ ފައިސަ ޖަމާ ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. ޝަފްގާގެ މި ކުންފުނިގެ ހިއްސާ ގަނެފައި ވަނީ ޖުލައި 13 ޖުލައި 2021 ގައެވެ. އޭގެ ތެރޭގައި ސްޓެލްކޯ އިން 5 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި އެމްޑަބްލިޔުއެސްސީން 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނެއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ ހިއްސާ އޮންނަ ރާއްޖެ ޓީވީއަށް އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ސްޓެލްކޯއިން ޖަމާކުރި ކަމަށް ބުނާ މައްސަލަ އެއް ވެސް ދަނީ ބަލަމުންނެވެ.
މާފަންނު ހުޅަނގު ދާއިރާ މެމްބަރު މުހައްމަދު ފަލާހުގެ ދަރިކަލުން އަލީ ހުމާމްގެ ރުބިކްސް ކުންފުންޏަށް އެމްޑަބްލިޔުއެސްސީން 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާ ކޮށްފައިވާތީވެސް މައްސަލަ ދަނީ ބަލަމުންނެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގެ ދައްތަ، އައިޝަތު ނާޒްނީންގެ ހިއްސާ އޮންނަ އަވި ޓެކްނޮލޮޖީއަށް އާރްޑީސީން ތިން މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާކަށް ބުނާ މައްސަލަ ވެސް ދަނީ ބަލަމުންނެވެ. މީގެ އިތުރުން އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ނޯތު ކޯސްޓް ކުންފުންޏަށް އާރްޑީސީން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި ކަމަށް ބުނާ ބުނުމެވެ.
އެމްޑީޕީއަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށާ ނިމިދިޔަ ފަސް އަހަރު އެ ޕާޓީއިން ވަނީ ގައުމުގައި ކޮރަޕްޝަން މެކުހަށް ޖަހާފައިކަމަށް ރައްޔިތުން ބުނެފައިވާއިރު މިހާރު ބަލަމުްނދާ މައްސަލަތަކުގެ ތެރޭގައި، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ގެ ހިއްސާ އޮންނަ ޓޫއޭ ޕްރައިވެޓް ލިމިޓެޑަށް ފެނަކައިން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްޑަބްލިޔުއެސްސީން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެމްޓީސީސީން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ބުނެ އެވެ. މީގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ކުންފުންޏަށް އެމްޑަބްލިޔުއެސްސީން ހަތަރު މިލިއަންނަށް ވުރެ ގިނަ ރުފިޔާ، ސްޓެލްކޯއިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ފެނަކައިން ވެސް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.
ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ޑްބްލެކްސް ޕްރައިވެޓް ލިމިޓަށް ސްޓެލްކޯއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ފެނަކައިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަ އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މަސްލަހަތު އޮންނަ މެގަޗިޕަށް ސްޓެލްކޯއިން 12 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ބުނާ އިރު، އެމްޑަބްލިޔުއެސްސީން ތިން މިލިއަނަށްވުރެ ގިނަ ރުފިޔަ ޖަމާ ކުރި ކަމަށް ބުނެ އެވެ.
ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ދައްތާ، ޒާހިރާ އާދަމްގެ ހިއްސާ އޮންނަ ފައިން ޓިއުންސް އަށް ފެނަކައިން ނުވަލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާކުރި ކަމަށް ބުނެ އެވެ. ދެން ހިމެނެނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ ގޭޖް ފަޔާ އަށް ސްޓެލްކޯއިން ހަތް ލައްކަށް ވުރެ ގިނަ ރުފިޔާ އަދި އެމްޑަބްލިޔުއެސްސީން ހަތަރު ލައްކައަށް ވުރެ ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
މަޖިލިސް އިންތިހާބު ގާތްވެފައިވަނިކޮށް އެމްޑީޕީގެ ބޭބޭފުޅުންނަށް ނިސްބަތްވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ބަލަން ފަށާފައިވާކަން ހާމަވެފައިވީ ނަމަވެސް އޭސީސީއިން މިކަމާ މެދު ބަހެއް ހާމަކޮށްފައި ނުވެއެވެ.