theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަލީމާއި ހަމީދު: ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ވަނީ ފާސްކޮށްފައި / ޖޭއެސްސީ
ހަބަރު, ސިޔާސީ
މުއިއްޒު ސަރުކާރުން ބުނެގެން ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފާސްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ޖޫން 2025
ފިނޭންސް މިނިސްޓްރީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހު މުއިއްޒު ސަރުކާރުން އެދުމުން އެކަން ސަރުކާރަށް ތާއީދުކުރާ މެންބަރުން ކޮށްދީފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަނުކުރަން 60 މެންބަރުން ވޯޓު ދެއްވިއިރު ސަލީމް އައްޔަނުކުރަން 61 މެންބަރުން ވޯޓު ދެއްވި އެވެ. އެމްޑީޕީގެ މެންބަރުން މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ 12 ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ވެސް ސަލީމް އާއި ހަމީދު އަށެވެ. އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ޖޭއެސްސީން ލަފާ ދީފައި ވެ އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

ނަމަވެސް ސަލީމު އަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.

ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެ އެވެ.

އެހެންކަމުން ސަލީމުގެ ސުޕްރީމް ކޯޓަށް އައްޔަނުކުރަން މަޖިލީހުން ރުހުން މިދިނީ އޭނާގެ ޝަރުތާއި މެދު ގާނޫނީ ބަހުސެއް ހިގަމުން ދަނިކޮށެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި ދެ މަގާމު ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވެ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އދ. އަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން ވެސް އދ. އިން އެންގި އެވެ.

އެ މައްސަލައިގައި ޖަވާބުދާރީވަމުން ދިވެހި ސަރުކާރުން ބުނެފައި ވަނީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތައް ހަދަނީ ދޮގު ކަމަށާއި ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved