

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ އިސް ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށްފަހު ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން އިން ނިންމައިފި އެވެ.
ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ އިއްޔެ މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.
އާއިލާއާ ހަވާލާދީ ފަރީދުގެ ގާތްބޭފުޅަކު ވިދާޅުވި ގޮތުގައި އެ އާއިލާއިން ވަނީ މެލޭޝިއާގައި ޖަނާޒާ ބާއްވައި އެ ގައުމުގައި ހަށިކޮޅު ވަޅުލަން ނިންމައިފަ އެވެ. އެގޮތުން މިއަދު ވަގުތެއްގައި ޝެއިހް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވާނެ އެވެ.
ޝައިޚް ފަރީދު އަވަހާރުވުމާއި ގުޅިގެން ތައުޒިޔާ ފޮނުއްވަވާ މިނިސްޓަރު ވިދާޅުވީ، ޝައިޚް ފަރީދުއަކީ ހިދުމަތްތެރި ޝަޚްސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ގުރުވާނީތަކެއްވެ ވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ. މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއްކަމަށާއި ގާތްކަން ބޭއްވެވި އަދި ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިންޝާ ﷲ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝެއިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފައި،
ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. އަވަހާރަވުމާ ހަަމައަށް، އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފަ އެވެ.
ހުދުމުހުތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރާއްޖޭގައި ހިނގި އިސްލާހީ ހަރަކާތްތަކުގައި ވެސް ފަރީދު ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.
ޝައިޚް ފަރީދުއަކީ ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުންގެ ހޭލުންތެރިކުރުމަށް ތަފާތު ގިނަ ގުނަ ދަރުސްތަކެއް ޝައިޚް ވަނީ ދެއްވާފަ އެވެ.
އެގޮތުން ޝައިޚް ފަރީދުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އަދި އެދަރުސްތައް ގިނަ ބަޔަކު އަޑުއަހައި އެއަށް އަމަލުކުރި ދަރުސްތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.