

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރިޔާސީ ވައުދުފުޅާ ޚިލާފުވެވަޑައިގެން، ރައްޔިތުން ނިކަމެތި ކުރަމުން ކަމަށް ގއ. ހޯރަފުށި ކައުންސިލުން ހާމަކޮށްފިއެވެ.
އެކައުންސިލުން މިފަދައިން ބުނެފައިވަނ، ހއ. ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާކަން ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.
ހޯރަފުށީ ކައުންސިލުގެ ނެރުނު ބަޔާނެއްގައި ވަނީ، ބޮޓްލިން ޕްލާންޓު ހުޅުވުމާ ގާތްވެފައިވަނިކޮށް، އެ ތަނުގެ މަސައްކަތް ހުއްޓުވައި، މުވައްޒަފުން ވެސް ވަކިކޮށްފައިވާ ކަމަށެވެ. މިއީ ޕްރޮޖެކްޓުތައް ނުހުއްޓުވާނެ ކަމަށާއި، މުވައްޒަފުން ވަކިނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދާ ޚިލާފަށް، ރައްޔިތުން ނިކަމެތި ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.
އެ ކައުންސިލުން ބުނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާއިރު، އަންނަ މަހުގެ ތެރޭގައި، އެ ތަނުގެ އޮޕަރޭޝަންސް ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔަޑް މުހައްމަދު ނަޖާހު ދެއްވާފައިވާ ކަމަށެވެ. އެ ޔަގީންކަން ދިނުމަށްފަހު އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެ ޕްލާންޓުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ޕްރޮޖެކްޓު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ދެފަރާތުން އެއްބަސްވެވިފައިވާ ހިނދު އެ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އެ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ނިންމައި، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން މުރާޖާކޮށް އެ މުވައްޒަފުންގެ ވަޒީފާތައް އިއާދަ ކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެމްޑީ އާއި ޑިރެކްޓަރުންނަށް ބަޔާނުގައި ގޮވާލާފައިވެއެވެ.
އެ ކައުންސިލުން ފެނަކައާއެކުވީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ، އެ ކަމުގައި އިންސާފު ހޯދާނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކަމަށް އެ ބަޔާނުގައިވެއެވެ.
ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތަކީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިނިއުޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލް ކާމިޔާބުކޮށް، އެ ކައުންސިލާއި ފެނަކައާ ގުޅިގެން ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.