

ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިގެން، ކޮންޓެކްޓް ޓްރޭސިން ހެދިއިރު ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މެނިންގޮކޯކޮލް ބަލި ފެނުނު މީހާގެ އިތުރުން މިހާތަނަށް އެހެން މީހެއް ގައިން އެ ބަލި ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މެނިންގޮކޯކޮލް ބަލި ފެނުނީ މެލޭޝިއާއިން ރާއްޖެ އައި 24 އަހަރުގެ ޒުވާނެއް ގައިންނެވެ. އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ޖޫން 6، ގައި ވަނީ މަރުވެފަ އެވެ.
މެނިންގޮކޯކޮލް ބައްޔަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ. މި ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.
މިބަލީގައި އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.
އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ މިބައްޔަކީ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެކެވެ. މި ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.