

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ބްރޯޑްކޮަމަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދިނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިލްވާނަށެވެ.
އެއަށްފަހު މިދިޔަ މަހުގެ 12 ގައި ރައީސް ޑޜ. މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރަން ހަ ބޭފުޅުންގެ އިތުރު ލިސްޓެއް ފޮނުއްވި އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް މިދިޔަ އެޕްރީލް މަހު ހުޅުވާލީ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި އާމިނަތު އަމީނާ (އަނާ)ގެ ފަސް އަހަރުގެ ދައުރު ހަމަވާތީ އެވެ. އަމީނާގެ ދައުރު ހަމަވީ މިދިޔަ ހުކުރު ދުވަހު އެވެ.