

ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ބޮލްކް ގްރާންޓްގެ ގޮތުގައި ދޭންޖެހޭ ގޮތަށް އޮތް އޮތުމަކީ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ، ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ބަހުސްކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ އިބުތިދާއީ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނާޒިމް ވިދާޅުވެފައިވަނީ، ރައްޔިތުން ބޭނުންވަނީ އުފެއްދުންތެރި މަސައްކަތްކުރާ، ކިޔަވައިގެންތިބި ޤާބިލް ކައުންސިލަރުން ކަމަށާއި، ހަމައެކަނި އޮފީހަށް ނުކުމެ، އިނގިލީގެ ނިޝާން ޖެހުމަށްފަހު ނިކުމެގެންދާ މީހުން ނޫން ކަމަށެވެ.
ނާޒިމް ވިދާޅުވީ، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދެނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކަމަށެވެ.
އެ ގޮތުން މިދިޔަ އަހަރު އެކަނި ވެސް 2.4 ބިލިއަން ރުފިޔާ އެގޮތަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ކަނޑައެޅި ކަމަށް ނާޒިމް ވިދާޅުވިއެވެ.
އާމްދަނީ އިތުރުކުރުމަށް މަޖިލީހުން ފާސްކުރި ޓެކްސް ބިލުތަކާ އެއްގޮތަށް މި އަހަރުގެ އާމްދަނީ ބޮޑުވަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މައްސަލައަކީ އެ ބޮޑުވާ އާމްދަނީގެ ފަސް އިންސައްތަ ވެސް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭންޖެހުން ކަމަށެވެ.
އޭގެއިތުރުން ނާޒިމް ވިދާޅުވީ، ދައުލަތުގެ ފައިސާގެ ގޮތުގައި އެ ފައިސާ ހުރިނަމަވެސް، ކޮންމެ މަހަކު ސަރުކާރުން އެތައް މިލިއަން ރުފިޔާގެ ޓީބިލާއި އިންޓްރެސްޓް ދައްކައިގެން ލޯނު ނަގަން ޖެހެނީ، އެ ފައިސާގައި އަތްލެވޭނެ ގޮތެއް ވެސް، އަދި ނަފާ ލިބޭނެ ގޮތެއް ވެސް ނެތުމުން ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އާމްދަނީން ޕަސެންޓަކަށް ހަދާފައި އޮތީމާ ދިމާވާނެ މައްސަލަ. އާމްދަނީ ބޮޑުވަމުންދާ ވަރަކަށް ބްލޮކް ގްރާންޓް ބޮޑުވަމުންދޭ. އެ އަދަދު ބޮޑުވަމުން ދިއުމަކީ ރައްޔިތުންނަށް އެއްޗެއް ލިބޭތީ އަޅުގަނޑުމެން މައްސަލަ ޖެއްސުމެއް ނޫން
އެހެންކަމުން އެއީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރަންޖެހޭ މައިގަނޑު ސަބަބެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު، މި އަހަރަށް ލަފާކުރި ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ ގާނޫނުގައި ބުނާ މިންވަރަށްވުރެ ކުޑަ އަދަދެކެވެ.
ނާޒިމް މިފަދައިން ވިދާޅުވިއިރު ރައީސް މުއިއްޒު ރައީސްކަން ކުރައްވާ ޕީއެންސީން އަންނަނީ ލާމަރުކަޒީ ނިޒާމް ފުޑާލަމުން ކަމަށް ގިނަ ރަށްތަކާއި އަތޮޅު އަދި ސިޓީ ކައުންސިލް ތަކުން އަންނަނީ ބުނަމުން ނެވެ. އަދި ކައުންސިލަރުން މަދުކޮށް ރައީސް މުއިއްޒު "ބޭނުން" މީހަކު ކައުންސިލް އިދާރާ އަށް އައްޔަނުކުރާ ގޮތަށް ބަދަލުކުރަން އުޅޭ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ ބުނަމުން ނެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ރައީސް ޑރ. މުއިއްޒު ހިމެނޭހެން ދައްކަމުން އަންނަ އެއް ވާހަކައަކީ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ. އެގޮތުން މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ދަށުން ކުޑަ އާބާދީތަކަށް ކައުންސިލަރުން މަދުކުރަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.