theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަހްޔޫނީންގެ ސްޓޮކް މާކެޓް އިމާރާތަށް އީރާން ދިން ހަމަލާ / އޭއެފްޕީ
ދުނިޔެ
ހަނގުރާމައިގައި އެމެރިކާ ބައިވެރިން ލަސްވާތީ ނަތަންޔާހޫ ނުރުހިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
20 ޖޫން 2025
މާލެ ސިޓީ

އަމިއްލަ ދިފާއުގައި އީރާނުން އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލުން ގެދޮރު ގެއްލުނު މީހުންގެ އަދަދު 5،000 އަށް މައްޗަށް އަރާ ގިނަ ބަޔަކު މަރު ވުމާއި ގުޅިގެން ސަހްޔޫނީންގެ ދިފާ އުގައި އެމެރިކާ ފާޅުގައި ބައިވެރި ވާލެއް ލަސްކަމުން ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރުޅިގަނޑު ފަޅައިގެންގޮސްފި އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާގޮތުގައި އިރާނަށް އެމެރިކާ އިން ވެސް ހަމަލާ ދިނުމަށް އެކުލަވައިލި ޕްލޭނަށް ޓްރަމްޕް ރުހުން ދެއްވިޔަސް، އެ ޕްލޭން ތަންފީޒު ކުރުމުގެ ހުއްދައެއް އޭނާ އަދި ނުދެއްވަ އެވެ.

އޭބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ އެމެރިކާ ހަނގުރާމައިގައި ބައިވެރިވުން ލަސްވާތީވެ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެމެރިކާ، ހަނގުރާމައިގައި ބައިވެރިނުވެއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު އެމެރިކާއަށްވެސް ކުރާނެކަމަށް ނަތަންޔާހޫ ބުންނެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނަށް އިޝާރާތްކޮށް ނިއުޔޯކް ޓައިމްސް އިން ބުނީ، އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ތެހެރާނުން މިސައިލާއި އެހެނިހެން ސާމާނުން ހަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާގެ އަސްކަރީ ބޭސްތައް މެދުއިރުމަތީގެ އެ ސަރަހައްދުގައި މިހާރު ވެސް އެބަހުއްޓެވެ. އެ ސަރައްހައްދުގެ އެކި ގައުމުތަކުގައި ގާއިމު ކޮށްފައިވާ އެ ބޭސްތަކާ އެކު އެމެރިކާގެ 200،000 ސިފައިން އެ ސަރަހައްދުގައި ތިބޭނެކަމަށް ބައެއް މީޑިއާތަކުން އަންދާޒާ ކުރެ އެވެ.

ސަހްޔޫނީން އިސްވެ އިރާނަށް ދެން ފެށި ހަމަލާތަކުގައި އެމެރިކާ އަމަލީ ގޮތުން ބައިވެރިވެ ދާނެތޯ އިއްޔެ ޓްރަމްޕާ، ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ފަހަރެއްގައި އެކަން ކުރަން ވެސް ޖެހިދާނެ" ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް އީރާނަށް ގޮވާލި ގޮވާލުމަށް އީރާނުގެ އެންމެ މަތީ ލީޑަރު ހާމަނާއީ ރައްދު ދެއްވައި، އިންޒާރު ދެއްވީ އެމެރިކާ އިން އެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ދޭނެ ކަމަށެވެ. އަދި އީރާން އޮތީ އެއްވެސް ގޮތަކަށް އަމާން ދޭ ގޮތަކަށް ނޫން ކަމަށް ހާމަނާއީ ވިދާޅުވި އެވެ.

ހާމަނާއީ ވިދާޅުވީ، ގަދަބަދަވިކަން ދައްކައިގެން އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށެވެ. އެ ގައުމުން އަމާން ވެސް ނުދޭނެ ކަމަށް ހާމަނައީ ވިދާޅުވި އެވެ.

ހާމަނާއީއަކީ އީރާންގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެވެ. އަދި އެ ގައުމުގެ ރިވޮލިއުޝަނަރީ ކޮމާންޑްގެ ކޮންޓްރޯލް އޮންނަ ހާމަނާއަކީ އީރާންގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ.

އީރާންވަނީ ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ސަހްޔޫނީން ފަލަސްތީނުގެ ބިން ދޫކޮށް އެމީހުން ގެ އަމިއްލަ ގައުމުތަކަށް ދިޔުމަށް ގޮވާލާފަ އެވެ. ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންނަށް ލިބޭ ގެއްލުމަށް އީރާން ޒިންމާ ނުވާނެކަމަށްވެސް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުން ނެރުނު ބަޔާނެއް ބުނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved