theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިރާނުގެ ހަމަލާތަކުން ގެއްލުންވި ސަރަހައްދުތައް ބަލަން ނަތަންޔާހޫ ކުރި ޒިޔާރަތުގެ ތެރެއިން / އޭއެފްޕީ
ދުނިޔެ
އީރާން ކުރިމަތީ އަމާންދީ ބަލި ގަބޫލުކުރަން ޖައްބާރު ނަތަންޔާހޫ ވިސްނަނީ!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 ޖޫން 2025
މާލެ ސިޓީ

ސަހްޔޫނީން އިސްވެ އީރާނަށް ހަމަލާ ދިނުމުން ބަދަލުގައި ސަހްޔޫނީން ވެރިވެގަނެފައިވާ ރަށްތަކަށް އީރާނުން ދޭން ފެށި ވޭން ހުރި ހަމަލާތަކުން ލިބެމުންދާ ގެއްލުން ބޮޑުވެ ހަނގުރާމަ ހުއްޓާލަން ނަތަންޔާހޫ އާއި އޭނާގެ އެކުވެރި އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އެއް ބަސް ވެއްޖެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮޮތުން ނަތަންޔާހޫ މިހާރު ވަނީ ހަނގުރާމަ ކުރުން ހުއްޓާލާ މަޝްވަރާ މޭޒަށް އީރާނާއެކު ދިއުމަށް އެއް ބަސް ވެފައެވެ. އަދި ނަތަންޔާހޫގެ އޮފީހުން ބުނީ މިކަމާ ގުޅޭ ގޮތުން މިއަދުގެ ފަހުގެ ވަގުތެއްގައި ބަޔާނެއް ދޭނެ ކަމަށެވެ.

ސަހްޔޫނީން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާ އެމެރިކާއިން ބައިވެރިވެ އީރާނަށް ބޮން އެޅުމާ އެކު އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެއާ އެކު ހަނގުރާމަ އިތުރަށް ފެތުރި ނުރައްކާ ވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

އޭގެ ފަހުން ޓްރަމްޕު ވަނީ އީރާނާއި އިޒްރޭލުން ވެސް ހަމަލާތައް ހުއްޓާލަން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ދެ ފަރާތުން ވަނީ ޖީއެމްޓީ ގަޑިން ރޭ 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ކަމަށް ޓްރަމްޕު އިއުލާނުކުރެއްވި އެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން ނަތަންޔާހޫއާ ޓްރަމްޕް މަޝްވަރާކުރައްވާފައިވާއިރު، ނާއިބު ރައީސް ޖޭޑީ ވެންސް ހިމެނޭހެން އެހެން އިސް އޮފިޝަލުންގެ ޓީމަކުން އީރާނާ މަޝްވަރާކޮށްފައިވާ ކަމަށް ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ އެއްބަސްވުމަކަށް އާދެއްވިޖެ ކަމަށް ޓްރަމްޕް ވިދާޅުވި ފަހުން އިސްރާއީލުން ހަމަލާއެއް ނުދޭނަމަ އީރާނުން ވެސް ރައްދު ދިނުމުގެ ނިޔަތެއް ނެތް ކަމަށެވެ.

ސަހްޔޫނީން ތުމަތުކުރާ ގޮތުގައި އީރާންގައި އެތައް ސަތޭކަ ފޫޓު އަޑީގައި ނިއުކުލިއާ ބޮން ދަނީ އުފައްދަމުންނެވެ.  އީރާނުން ނިއުކުލިޔާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ހުޅަނގާއި އިޒުރޭލުން ބުނާބުނުން އެ ގައުމުން ދޮގުކުރެ އެވެ.

ހަފުތާއެއް ވަންދެން އީރާނަށް ދިން ހަމަލާތަކުގައި އަސްކަރީ ވެރިންނާއި ނިއުކްލިއާ ސައިންސްވެރިންގެ އެތައް ބަޔަކު އަވަހާރަކޮށްލާފައި ވާއިރު މަރުވި ޖުމްލަ އަދަދު 400 އަށް އަރަ އެވެ.

އިރާނުން ރައްދުގައި ދިން ހަމަލާތަކުގެ އިޒްރޭލުން މަރުވެފައި ވަނީ 24 މީހުންނެވެ. އިރާނުން ބުނީ އެ ގައުމުގެ ހަމަލާތަކުގެ ބޭނުމަކީ އާންމުން މެރުން ނޫން ކަމަށެވެ. ހަމަލާ ދެނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރިއްޔާ އަށް އަމާޒުކޮށް ކަމަށް އިރާނުން ބުންޏެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved