

ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސްތަކާ އެކު ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ޚިދުމަތްކޮށްދިނުމަށެވެ. އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް އަދި ކޮންމެ ޕާޓީއެއް ކަމުގައި ވިޔަސް ނަމައެވެ. އަދި އެ ރައްޔިތުންނަށް ރިޔާސީ އިންތިޚާބަށް އެ ރައްޔިތަކު ނެރޭ މެނިފެސްޓޯގައި ހުންނަ ވައުދުތައް ނޫނީ "ޕްލެޖު"ތައް ފުއްދައިދިނުމަށެވެ. އޭގެ ތެރޭގައި ތަފާތު އެކި މަރުހަލާތަކަށް ބަހާލައިގެން ފުއްދަން ވައުދުވެފައި ހުންނަ ވައުދުތައްވެސް ހިމެނެއެވެ. ނަމަވެސް މިއަދުގެ ސަރުކާރުގައި މި ފެންނަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓިދިން ރައްޔިތުންނަށް ވުރެ އެމަނިކުފާނުގެ ސަރުކާރުގައި އެހެން ބަޔަކު މާ މުހިއްމު ވެގެން އުޅޭ މަންޒަރެވެ.
އަޅުގަޑު މިހެން ދެންނެވީމާ ފަހަރުގައި، އަޅުގަޑު މިދައްކަނީ އެމްޑީޕީއާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ރައީސް މުއިއްޒުގެ ސަރުކާރު ވަޒީފާ ދޭތީ އެކަމުގެ ކަންބޮޑުވުން ކަމުގައި ހީވެދާނެއެވެ. ނަމަވެސް ވެގެން މިއުޅޭ ގޮތަކީ އަދި އެ އެއްވެސް ނޫނެވެ. ވެގެން މިއުޅޭ ގޮތަކީ ގައުމުގައި ފަސޭހަ ގޮތެއްގައި ވެރިކަން ކުރެވޭނީ ރައްޔިތުން އުފަލުގައި ބައިތިއްބައިގެން ކަމުގައިވީ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އިންސީންނަށް ވުރެ ބޮޑަށް މި ގައުމުގައި ދިރިއުޅޭ ޖަނަވާރާ ދޫނި ސޫފާ ސޫފީގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި އަވަދި ނެތި އުޅޭ ވާހަކައެވެ. ރަގަޅެވެ. ޖަނަވާރުންނަށް ވެސް އޯގާތެރިވާން ވާނެއެވެ. ނަމަވެސް ގައުމުގައި އިންސީންގެ ހައްގުތައް ހުރި ގޮތަށް ބަހައްޓާފައި ޖަނަވާރާ ވެގެން އުޅުނީމަ ދެން 2028 ގައި ވޯޓު ދޭނީ އެ ޖަނަވާރުތައް ބާއޭ ހިތަށް އަރާތީ މި ވާހަކަ ހަމަ ދައްކާ ނުލާ ނުހުރެވުނީއެވެ.
ކާޅާ ވާލާ ބުޅާލާ އަދިވެސް ދެން ވެސް އޮތިއްޔާ އޮތްހާ ފަނިފަކުސާއާ އަކާ އެކު އުޅޭން އަޅުގަޑުމެން ދަސްކުރަން ވަޒީރުން ވަރުވަރުން ވިދާޅުވަމުން ގެންދާއިރު އެ ޖަނަވާރުތަކާ ދޫނިތަކުގެ ސަބަބުން އިންސީއިންނށް ދިމާވާ ދަތިކަމާ ބަލިމަޑުކަމުގެ ޒިންމާ ވަޒީރުންނާ ވެރިން ނަގާނެ ބާއެވެ. ބަލިވެއްޖެއިއްޔާ މިއުޅެން ޖެހެނީ އާސަންދައިން ޞޭސް ގުޅައެއްހާ މިންވަރު ނުލިބިގެން ވިއްޔާއެވެ.
ވަޒީފާގެ ފުރުސަތަށް ބަލާއިރު މިއަދު ވަޒީފާ ނެތި ކަންކަން މަތީގައި ބިއްޖެހިފައި ތިބޭ ޒުވާނުން ގިނަ ވެއްޖެއެވެ. ކިޔަވައިގެން ތިއްބަސް ސިޔާސީ ގޮތުން ނޫނީ މިއަދު ވަޒީފާ ލިބުން ދަތިވެ ކިޔެވި އެއްޗެއްގެ ބޭނުން ނުހިފި ޖެމްކިއު އާ އަނެއް ކިޔަކުން ވެސް ފައިސާ ހޯދުނު ގޮތަކަށް ހޯދަން މިއަދު ޒުވާނުންނަށް މަޖްބޫރުވެއްޖެއެވެ. ދިރިއުޅުމުގެ ޙަރަދު މަތިވެ އަނގަޔާ އަތާ ދިމާނުވެ ގައުމުގެ އުފެއްދުންތެރިކަން އިތުރުނުވެ ގައުމު އިންދަ ޖެހި މުޅި ގައުމު ހަފުސް ވަނީއެވެ. ނަމަވެސް ސަރުކާރުން މި ބަލަނީ ކާޅާ ވާލާ ބުޅަލށް ދައުލަތުން ޚަރަދުކޮށްގެން އެ ތަކެތީގެ ވެލްނެސް ކަށަވަރުކުރަންށެވެ. އެކަމަކު ރައްޔިތުން މިތީ ސިއްހީ ފަރުވާވެސް ކަށަވަރު ނުވެއެވެ.
ޑޮލަރުގެ އަގު ނުހިފެހެއްޓި އަރައިގެން މައްޗަށް އެއޮއްދަނީ ރާސް ލާފައެވެ. ވިޔަފާރިތަކުން ސަރުކާރަށް މާރުކުރި ކަމަށްބުނާ ޑޯލަރުތައް ވަނީ އަޑިއަށް ކަމެއް އެރީ ހަވައަށް ކަމެއް ނޭނގެއެޗެ. ޑޮލަރު ހުރީ އަތު ފަތު ޖެހޭ މިންވަރަށް ވުރެ މާމަތީގައެވެ. ނަމަވެސް ދައުލަތުގެ ވެރިން ކާޅާ ވާލާ ބުޅަލާ ދެން ވެސް ހުރިއްޔާ ހުރި ޖަނަވާރެއްގެ ހައްގުތައް ކަށަވަރު ނުވެގެން ތެޅި ފޮޅެނިއެވެ. ގައުމުގައި ހިންގަން ޖެހޭ އެއަށް ވުރެ ޕްރޮޖެކްޓެއް ނެތީތޯވެސް ހިތާ ހިތާ ސުވާލުކުރެވެއެވެ.
ގައުމުގެ ކަންކަމަށް މިހެން ނިތްކުރި މަތީ އަތްބާއްވާލައިގެން އޮވެ ފިކުރު ހިންގާލުމުން ހަމަ ހިތަށް އަރަނީ ސަހަރޯއެވެ. މިއީ އަނެއްކާ ކާޅާއި ވާލުގެ ސަރުކާރެއްގެ ބާއެވެ؟ އެހެންނާ ފަހެ މި މީހުންނަށް ވޯޓު ދީގެން ވެރިކަމަށް ގެނައީ ގައުމުގެ ރައްޔިތުން ވިއްޔާއެވެ.