

ސަހްޔޫނީންނާއި އީރާނާ ދެމެދު ބަދަލުކުރި ވަރުގަދަ ހަމަލާތައް 12 ދުވަހަށް ފަހު އިއްޔެ ހުއްޓާލާފައި ވާއިރު ސަހްޔޫނީންގެ މައްޗަށް ހަނގުރާމަކޮށް ކުރި ހޯދިއްޖެ ކަމަށް ގަބޫލުކޮށް އީރާންގެ އެތައް ހާސް ރައްޔިތުންނެއް އެ ގައުމުގެ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށްފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި އިރާނުން 13 ކުޑަކުދިން ހިމެނޭ ގޮތަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ، 3000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ 24 މީހުން ކަމަށް ބުނެ އެވެ. އިރާނުން ބުނީ އެ ގައުމުގެ ހަމަލާތަކުގެ ބޭނުމަކީ އާންމުން މެރުން ނޫން ކަމަށެވެ. ހަމަލާ ދެނީ ސަހްޔޫނީންގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރިއްޔާ އަށް އަމާޒުކޮށް ކަމަށް އިރާނުން ބުންޏެވެ.
މިހާރު އީރާނުން ވަނީ ރައްދުދިނުން ހުއްޓާލައިފަ އެވެ. އެއީ ހަގުރާމަ ކުރަން ބޭނުން ނޫން ކަމަށް ނަތަންޔާހޫ ބުނެ އަމާން ދިނުމުން ނެވެ. ސަހްޔޫނީން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާ އެމެރިކާއިން ބައިވެރިވެ އީރާނަށް ބޮން އެޅުމާ އެކު އީރާނުން ވެސް ފަހު ވަގުތު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެކަމާއި ވެސް އިރާންގެ ރައްޔިތުން ވަނީ އުފާކޮށް އަސްކަރިއްޔާގެ ހުޝިޔާރު ކަމަށް ތައުރީސް ކޮށް އެ ގައުމުގެ ލީޑަރު ހާމަނާއީ އަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަ ކޮށްފައި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ކަނޑައެޅި ވަގުތު ޖެހުމުގެ ކުރިން އީރާން ސިފައިން އިޒްރޭލަށް ފޮނުވާލި މިސައިލްތަކަށް ފަހު ސިފައިން ވެސް ވަނީ މިއީ "ޒަޔަނިސްޓުންނަށް ދިން ތާރީހީ އަދި ހަނދާން ނުނެތޭނެ ފިލާވަޅެއް" ކަމަށް ބުނެފަ އެވެ. އަދި އީރާނުގެ މައި ނިއުކްލިއާ މަރުކަޒު، ފޯޑޯއަށް އެމެރިކާއިން ދިން ހަމަލާގައި ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.
ހަމަލާތައް ހުއްޓާލުމާ އެކު އީރާނުން ވަނީ ނިއުކްލިއާ މަސައްކަތް އަލުން ފަށާނެ ކަމަށާއި އެ ހައްގު ދޫކޮށްނުލާނެ ކަމަށް ބުނާ ވާހަކަ ތަކުރާރުކޮށްފަ އެވެ. އީރާނުން އަބަދުވެސް ބުނަމުން އަންނަ ގޮތަށް މިފަހަރު ވެސް ބުނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށާއި މިއީ މަދަނީ ބޭނުންތަކަށް ހިންގާ މަޝްރޫއެއް ކަމަށް ބުނެފަ އެވެ.