March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ރާއްޖެއެމްވީ

އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމަށް ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައީސް ޔާމީން ގޮވާލައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 26, 2025, 03:34 AM
މާލެ ސިޓީ

މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމަށް ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބާގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި މެސެޖުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މި އުންމަތުގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ (ޞޢޥ) މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި އަދި ތާރީޚީ ހިޖުރައިގެ ޙާދިޘާ، މުސްލިމުންގެ ހިތްތަކުގައި އާވެ އާލާވަމުންދާ މުނާސަބަތެއްކަމަށް ވިދާޅުވިއެވެ. އަދި، ހިޖުރައިގެ ޙާދިސާއަކީ، އިސްލާމީ މަތިވެރި ޖިހާދެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ މެސެޖުގައި، ދިވެހިންގެ ތެރޭގައި ޚިޔާލާއި ފިކުރުގެ ގޮތުން ތަފާތުވީ ނަމަވެސް، ދިވެހިންގެ މެދުގައި އޮންނަ އެއްބަނޑު އެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އައުމުގެ ފުރުޞަތު ދީގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ މިއަދު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކަށް ބަލާއިރު ޝީއިންނާ ސުންނީ ތަފާތުކުރުމެއް ނެތި މުސްލިމުންގެ ހައްގުގައި ދިވެހިން ވަކާލާތުކުރަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ. އަދި ހިޖުރީ އައު އަހަރަކާ ކުރިމަތިލާއިރު އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ވަކި ގައުމެއް ނޫނީ ވަކި ބަޔަކު ރުއްސުމަށް ނަމަވެސް ދީނާ ބީރައްޓެހި އަމަލުތަކަށް ގައުމުގައި ފުރުސަތު ނުދިނުމަށާ އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމަށް ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް ހުރިހާ ރައްޔިތުންވެސް އަދާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ރައީސް ޔާމީން ވަނީ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved