

"މި އަނިޔާވެރި ވެރިކަމުން ސަލާމަތްވިކަން ... މިލިޓަރީ ޓޭކްއޯވާއެއް ނުކޮށް މިކަން ނިމުނުކަން .. އިސްތިއުފާދިންކަން [ހާދަ ރަނގަޅޭ]،" މީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ވާހަކަ އެވެ.
ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވަމުން ދިޔައިރު، ދިވެހި ރައްޔިތުންނަށް ދިވެހި ގައުމަށް ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާފަދަ ބިރުވެރިކަމެއްގެ ތެރެއަށެވެ.
އެ ބިރުވެރި ނާންމާން ވެރިކަމުގެ ފުރޮޅުން ގޯސް ވާން ފެށީ "ވެރިމީހާ" އަހުދަށް ކަމޭ ނުހިތުމުން ނެވެ. އެ ހަގީގަތް އެއިރު ވެރިކަމުގައި ތިބި އެމްޑީޕީ މީހުން ވެސް މިއަދު ގަބޫލުކުރެ އެވެ. ނަޝީދުގެ ވެރިކަން ވެއްޓުމުގެ ކޮންމެ ގޯހެއްގެ ފެށުމަކީ ރައްޔިތުންގެ ބާރު ހަދާން ނެތުމެވެ.
ގާނޫނުއަސާސީގެ މާއްދާ 4 އަކީ، ރައްޔިތުންގެ ބާރު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ.
ނަޝީދުގެ ވެރިކަމުގައި ޕްރެކްޓިސް ވެގެން އެދިޔައީ "މާއްދާ4" އެވެ. ރައްޔިތުންގެ ބާރުން ފެށުނު ވެރިކަމުގެ ބާރުތައް ދެމި އޮތީ ވެސް ރައްޔިތުން އަތުގައި އެވެ. ވެރިކަން ދޫކޮށް ދާން ޖެހުނީ "ވެރިމީހާ" އެވެ.
ނަޝީދު އިސްތިއުފާ ދެއްވި ސިޓީގައި އެމަނިކުފާނު ލިޔުއްވީ؛
ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުނުދެވިދާނެ ކަމަށް އަޅުގަނޑަށް ފެންނަކަމުން، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދީފިން،
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. އެ ކޮމިޝަންގައި ނަޝީދުގެ ފަރާތްޕުޅުން ވެސް ބޭފުޅަކު ހިމެނުނެވެ.
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން މައިގަނޑު ހަތަރު ކަމެއް ބަލާފައިވެ އެވެ. އެއީ ޖެނުއަރީ 14، 2012 އިން ފެށިގެން ފެބްރުއަރީ 8 އާ ދެމެދު ރާއްޖޭގައި ސިޔާށީ ކަންކަމާއި ވެރިކަން ބަދަލުވި ގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުކުރުމުގެ ތެރެއިންތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތައްތޯ ވެސް އެކޮމިޝަނުން ބެލި އެވެ.
ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ. އަދި ރައީސްކަމާ މުހައްމަދު ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ތެދެކެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ ގޯސްކޮށް ނޫންކަން އިތުރަށް ކަށަވަރުވަނީ އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް ސޯލިހު ސަރުކާރުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓާލުމުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރި މީހުން ނަށް ފިޔަވަޅު ނޭޅުމުން ނެވެ. ހާއްސަކޮށް ވެރިކަން ވައްޓާލި ކަމަށް ބޮޑު ތުހުމަތު އޮތް އިމްރާން އަބްދުﷲ އަށް އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ދިނުމެވެ.
މިފަދަ ކިތަންމެ މިސާލެކެވެ. ދެން އެވާހަކަ ބާއްވަމާ ބަހީ އެވެ. ހުލާސާ އަކީ ނަޝީދުގެ ވެރިކަން ވެއްޓުނީ "ގޯސް" ގިނަވެ "ގާތް" މީހުން ގޮވައިގެން ވެރިކަން ކުރަން އުޅުމުން ނެވެ.
މިއަދު މީ ނަސީދުގެ ވެރިކަމުގެ ފަހަތަށް އައި ތިން ވަނަ ވެރިކަމެވެ. ވެރިމީހަ އަކީ ޑރ. މުއިއްޒު އެވެ. ވެރިކަމަށް އައީ ރައްޔިތުންނަށް އެތައް ވައުދެއް ވަމުން ނެވެ. އަހުދަށް ވަފާތެރި ވާނެ ކަމަށް ވިދާޅުވި އެވެ. ފަނޑިޔާރުގެ އަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި އެވެ. ގެއްލުވާލި ކަނޑު އަލުން ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ. ސޯލިހު ސަރުކާރުން ކުރަނީ ނުހައްގު ދައުވާ ކަމަށާއި އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަމަށާއި ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން މިނިވަންކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރާނެ ކަމަށް ވިދާޅުވި އެވެ. މިފަދަ ކިތަންމެ ވާހަކަ އެކެވެ.
މިއަދުގެ ސިޔާސީ ހަގީގަތަކީ މިއިން އެއްވެސް ކަމެއް ރައީސް ޑރ. މުއިއްޒު އަކަށް ނުވި އެވެ. ނުކުރެއްވި އެވެ. ނަތީޖާ އަކީ ރައްޔިތުން މާޔޫސްވެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ޑރ. މުއިއްޒު އާއި ފެއަށް ޖެހުމެވެ.
ދެހާސް އަށެއްގައި ކޯލިޝަނަކާއެކު އިންތިހާބު ކުރި އެމްޑީޕީ ވެރިކަމުގައި ކަންތައް ހިނގައިދިޔައީ ކިހިނެއްތޯ އެވެ؟ ކޯލިޝަނަށް ވީ ކިހިނެއްތޯ އެވެ؟ އެންމެ 21 ދުވަސް ތެރޭ ކޯލިޝަން ރޫޅުނީ އެވެ. އުމުރު ހަމަ ނުވަނީސް ސަރުކާރު ވެއްޓުނީ އެވެ.
ވިސްނާ ބަޔަކަށް މިހުރީ ހުސް އިބުރަތެވެ.
މިއަދު މުއިއްޒު ނަޝީދުގެ އިސްތިއުފާގެ ސިޓީ ވިދާޅުވާ ފަދަ އެވެ. ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުންދެވިދާނެ ކަމަށް އަޅުގަނޑަށް ފެންނަކަމުން، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދީފިން، މިހެން މުއިއްޒު ވެސް ވިދާޅުވާން އުޅޭ ފަދަ އެވެ.
އެ އަޑު ރަށުތެރެއިން މިއަދު އިވެން ފަށައިފި އެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ގާސިމް އިބްރާހިމް ވިދާޅުވި ފަދައިން ނެވެ. "މި އަނިޔާވެރި ވެރިކަމުން ސަލާމަތްވިކަން ... މިލިޓަރީ ޓޭކްއޯވާއެއް ނުކޮށް މިކަން ނިމުނުކަން .. އިސްތިއުފާދިންކަން [ހާދަ ރަނގަޅޭ]،" މީ މިއަދު ދިވެހި ގިނަ ރައްޔިތުންގެ ވެސް ބަހެވެ. ނިދާ އެވެ.
ރައްޔިތުން ތިބީ ދަނޑިވަޅަކަށް ބަލަބަލަ އެވެ، ޗާންސެއް ލިބޭއިރަށް މި ވެރިކަން ބަލިކޮށްލާނެ އެވެ.! މިއަދު އިވެނީ ދޮގު ހަދާ ކައްޒާބެއް ވެރިކަމުގައި ހުންނެވި ވާހަކަ އެވެ. ދޮގުން ހިމާޔަތް ކުރެވި ދެމެހެއްޓޭނެ ވެރިކަމެއް ދުނިޔެ ތަޖުރިބާ އެއް ނުކުރެ އެވެ.