

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު އައްޔަންކޮށްފި އެވެ.
އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޔާމީން އިދުރީސް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ މަގާމުން ވަކިކުރުމަށްފަހު އެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ޔާމީން ކުރިމަތިލެއްވީ އެ މަގާމަށް މީހަކު ހޯދަން އެ ކޮމިޝަނުން މި މަހުގެ ކުރީކޮޅު ހުޅުވައިލުމުންނެވެ.
މިދިޔަ މަހުގެ 25 ގައި ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން ޒީނިޔާ މަގާމުން ވަކިކުރީ އެވެ.
އެސްޖީގެ މަގާމުގައި ކުރިން ހުރި ޒީނިޔާ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.