ރޯދަމަހު ގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައިފިނަމަ، އަލުން ބިލު ފޮނުވާނެ ކަމަށާއި ރައީސަށް ޖެހިވަޑައިގަންނަވާނީ ބިލް ތަސްދީގުކުރަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީން އިސްނަގައިގެން ރަމަޟާން މަހު އެއްވެސް އިންތިޚާބެއް ނުބޭއްވޭނެ ގޮތަށް ބިލެއް ފާސްކޮށްފައި ވާކަމަށް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ރައީސް އެ ބިލް ތަސްދީގު ކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން އެ ބިލް ތަސްދީގު ނުކުރައްވައިފި ނަމަ އަލުން ބިލް ތަސްދީގު ކުރުމަށް ފޮނުވާނީ މެމްބަރުންގެ ސާފު އަގުލަބިއްޔަތާއެކު ކަމަށްވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ ފޮނުވާ ދުވަހު މަނިކުފާނު ޖެހިވަޑައި ގަންނަވާނީ ގާނޫނު އަސާސީގައި އެބުނާ ގޮތަށް ތަސްދީގު ކުރައްވަން. ހަމަ އެ ނޫން އެއްވެސް ގޮތެއް ރައީސުލްޖުމްހޫރިއްޔާ ކުރިފުޅުމަތީގައި ނޯންނާނެ. ގާނޫނީ އިމުގެ ތެރޭގައި އެއްވެސް ގޮތެއް ނޯންނާނެ
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ޝާހިދު ވަނީ ވާހަކައިގައި ތަކުރާރު ކުރައްވާފައެވެ.
ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެެވެ.
ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލީހުގެ އިންތިޚާބު ބާއްވާ ގޮތަށް އެ ގާނޫނަށް ގެނައި އިސްލާހު ފާސްކުރީ ފެބްރުއަރީ 11 ގައި 46 މެންބަރުންގެ ވޯޓުންކަންވެސް ފާހަގަކޮށްލެވެއެވެ.