

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެެއްދުމުގެ ހަރަކާތްތައް ފަށައިފި ނަމަ، އެ ގައުމަށް ހަމަލާ ދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފި އެވެ.
ސަހްޔޫނީން އާއި އީރާންއާ ދެމެދު ކުރިއަށް ދިޔަ 12 ދުވަހުގެ ހަނގުރާމަ އީރާނުން ކާމިޔާބުކުރި ކަމަށް ބުނެ، އާޔަތުﷲ ހާމަނާއީ ދެއްކެވި ވާހަކަތައް ދޮގުކޮށް، ޓްރަމްޕް ވަނީ ހާމަނާއީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އިއްޔެގެ ވަގުތެއްގައި ޓްރަމްޕް ވަނީ މީސް މީޑިއާ ޕްލެޓްފޯމެއް މެދުވެރިކޮށް ހާމަނާއީއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
ސަހްޔޫނީން އާއި އިރާނާ ދެމެދު ހިނގި ހަނގުރާމަ ހުއްޓާލުމާއި އެކު، ހާމަނާއީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އީރާނުގެ ނިއުކްލިއާ މައި ސައިޓްތަކެއް ކަމަށްވާ ފޯޑޯ، އިސްފަހާން އަދި ނަތާންޒަށް އެމެރިކާއިން ހަމަލާދިނުމުން، ގަތަރުގައި ހުންނަ އެމެރިކާގެ ބޮޑު އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތައް ދީގެން އިރާނުން އެމެރިކާއަށް ގެއްލުން ތަކެއްދީފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޓްރަމްޕް ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކުގައި އިރާނު ވަނީ ސުންނާފަތި ވެފައި ކަމަށެވެ.
ނަމަވެސް ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެމެރިކާއިން ދިން ހަމަލާތަކުން އިރާނުގެ ނިއުކްލިއާ ސައިޓްތަކަށް ހީކުރި ވަރުގެ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ، އެ ހަމަލާތަކުގެ ސަބަބުން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް މަޑުޖެހުނީ ކުޑަ ދުވަސްކޮޅަކަށް ކަމަށެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ނުވަތަ އެހެންވެސް އިތުބާރު ކުރެވޭ ފަރާތަކުން އިރާނުގެ ނިއުކްލިއާ ސައިޓްތައް ބެލުމަށް ފުރުސަތު ދިނުމަށް ބޭނުންވާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ. ނަމަވެސް އިރާނުން ވަނީ އައިއޭއީއޭ އަށް ދިން އެއްބާރުލުން ހުއްޓާލުމަށް ބިލެއް ފާސްކޮށްފައެވެ. ބެލެވޭ ގޮތުގައި މިއީ މިއީ އެމެރިކާއިން ދިން ހަމަލާތަކަށް ދިން ސީދާ ރައްދެކެވެ.
ސަހްޔޫނީންގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ހުކުރު ދުވަހު ބުނެފައިވަނީ، އިރާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ރޭވުމެއް ތައްޔާރު ކުރުމަށް ސިފައިންނަށް އަންގާފައިވާ ކަމަށެވެ. މި ރޭވުމުގެ ތެރޭގައި ނިއުކްލިއަ ހަތިޔާރާއި މިސައިލް އުފެއްދުން ހުއްޓުވުމާއި، ސަހްޔޫނީން އާއި ދެކޮޅަށް ހިންގާ ހަރަކާތް ތަކަށް އެހީތެރިވާ ފަރާތް ތަކަށް ރައްދު ހަމަލާދޭނެ ކަމަށެވެ. މިގެ އިތުރުން ސަހްޔޫނީންއިން ބޭނުންވަނީ ހާމާނާއީ ނައްތާލުމަށް ކަމުގައިވެސް ބުނެފައި ވެއެވެ.