

ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ވަކި ބަޔަކު ބޭނުންވާ ހުކުމް ޖަހާ ފަނޑިޔާރުންނަކީ ޣައްދާރުންގެ ގޮތުގައި ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ސިފަކުރައްވައިފިއެވެ.
އަންގާރަ ދުވަހު ހުށަހަޅައި ބަހުސް ކުރެވުނު ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށް އަތްބާނައި ނުފޫޒު ފޯރުވުން ނިމުނީ ކަމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޒައާމަތާއި ހަވާލުވެވަޑައިގެން ދުވަހު ގައުމާއި މުޚާތަބު ކުރައްވަވައި ވިދާޅުވެލެއްވި ކަމުގައެވެ.
އެއީ އުފާވެރިކަމެއް ގެނުވި ދުވަހަކަށްވީ ނަމަވެސް މިއަދު ކަން ހިނގަމުންދަނީ އެ އުސޫލުގެ މަތިން ނޫންކަން އައްބާސްގެ ވާހަކައިގައި ފާހަގަކުރެއްވި އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން އަމަލުކުރި ގޮތަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލަ ހުއްޓުވައި އެ ކޯޓުގެ ބާރު ކަނޑުވައިލީ ޕީއެންސީގެ ސުޕަމެޖޯރިޓީ ބޭނުން ކޮށްގެން އެންމެ 10 މިނެޓުގެ ތެރޭގައި ކަމަށެވެ.
މީގެ އިތުުރުން އައްބާސްގެ ވާހަކައިގައި ވަނީ ފަނޑިޔާރުން ކުރާ ހުވަޔާއި ހިލާފަށް ވަކި މީހަކު ބޭނުންވާހައި ގޮތަކަށް ހުކުމްތައް އިއްވަމުން ދަނީ ރިޝްވަތުގެ ހަރާމް ފައިސާގައި ހިފައިގެން ކަމަށް ވިދާޅުވެފައެވެ. އެކަން ހުއްޓުވުމަށް ކިތަންމެ އިސްލާހެއް ގެނައި ނަމަވެސް ފަނޑިޔާރުންގެ ހިތުގައި ބިރުވެރިކަމެއް ނެތީވިއްޔާ އެކަން ނުހުއްޓޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ މާތްالله ގަންދީ ހުވާކޮށްގެން ތިބެ ރިޝްވަތުގެ ހުތުރު ފައިސާ ނަންގަވަން ފަނޑިޔާރުން ބިރުގަންނަން ޖެހޭ ކަމަށާއި ހުތުރު ފައިސާގައި ޖެހި ވަކި ބޭފުޅުންތަކެއް ވިދާޅުވާ ގޮތަކަށް ޝަރީއަތްކޮށް ވަކި ބޭފުޅުންތަކެއް ވިދާޅުވާހާ ގޮތަކަށް ހަނުހުރެ، މާތްވެގެންވާ އިސްލާމް ދީނަށް ހުރުމަތްކޮށް ނުހިތުމަކީ ވެސް ގައުމަށް ގައްދާރުވުން ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ ކޯޓުގެ ބާރު ކަނޑުވައިލިއިރު، މުސާރައާއި އިނާޔަތާއި ރައްކާތެރިކަން ނަންގަވައިގެން އުއްތަމަ ފަނޑިޔާރު ހަނު ހުންނެވުމަކީ ވެސް ގައުމަށް ގައްދާރުވުން ކަމަށެވެ.