

ވެރިކަން ކުރާޕީއެންސީގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި އެތައް ބަޔަކު އެ ޕާޓީއިން ވަކިވަމުންދާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އިލެކްޝަން ކޮމިޝަނުން (އީސީ)އިން ހާމަކުރި ތަފާސް ހިސާބުތަކުންނެވެ.
އެގޮތުން އީސީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ގޮތުގައި 68،968 (ފަސް ދޮޅަސް އަށް ހާސް ނުވަ ސަތޭކަ ފަސްދޮޅަށް އަށް) މީހުން ތިއްބެވެ. އަދި މި އަހަރުގެ ޖަނަވަރީއިން ފެށިގެން މިދިޔަ ޖޫން މަހުގެ 30ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ ޖުމްލަ 68،665 (ފަސް ދޮޅަސް އަށް ހާސް ހަސަތޭކަ ފަސް ދޮޅަސް ފަސް) މެންބަރުންނެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި 300 މީހުން ވަނީ އެ ޕާޓީން ވަކިވެފައިކަން ހިސާބުތަކުން ހެކިދެއެވެ.
މިއަދަދުތަކާ އެކު އަދިވެސް ޕީއެންސީ ނަމްބަރުތަކުން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ނަމަވެސް އެ ޕާޓީ އެ ގޮތުގައި އޮތީ ވަގު ފޯމު ފުރައިގެން މެމްބަރުން ވައްދައިގެން މީގެ ކުރިން ހާމަވެފައިވެއެވެ.
ޑީއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން އެ ޕާޓީގެ މެމްބާރޝިޕް ފޯމްތައް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ. އެ މަސައްކަތް ކުރިއަށްގެންދިޔައީ ޑީއެންއާރްގެ އޮފީސް ތެރޭގައެވެ.
ޕީއެންސީއަށާ ސަރުކާރަށް އޮތް ތާއީދު މަޑު މަޑުން ފަޑުވަމުން ގޮސް ޕިއެންސީ ހަރުގެ ޖަލްސާތަކަށްވެސް މީހުން ގެންދަނީ ސިޔާސީ މުވައްޒަފުންނަށް މަޖްބޫރުކޮށްގެންކަން ވެސް ފާހަގަކޮށްލެވެއެވެ.