

ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަން އޮތް ދަތުރު ތާއީދު ނެތުމުން ކެންސަލްކޮށްފިއެވެ.
މިކަމާ ގުޅިގެން "ތޭރަ އޮންލައިން"އާ މައުލޫމާތު ހިއްސާކުރެއްވި ސަރުކާރުގެ އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ހާމަކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރެއްވީ ކުއްލިއަކަށް ކަމަށެވެ.
އެގޮތުން ނ. އަތޮލުގެ 13 އަތޮޅަކަށް އެމަނިކުފާނު ކުރައްވަން އޮތް ދަތުރުފުޅުގައި ނ. މާފަރު އެއާޕޯޓަށް ބޮޑުކުރި ބައި ރަސްމީކޮށް ހުޅުވުމުގެ އިތުރުން ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ވެސް އޮތީ ހަމަޖެހިފައިއެވެ.
މިމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ނ. އަތޮޅަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވަނީ، ކައުންސިލް އިންތިހާބާ ގުޅިގެން ޕީއެންސީގެ ގިނަ ވަފްދުތަކެއް އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ދަތުރުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
ރައީސް މުއިއްޒު ނޫނަށް ދަތުރުފުޅު ކުރައްވަން ނިންމަވާފައިވުމުން ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރުން މުހައްމަދު އައްބާސްގެ ގިނަ ފާޑުކިޔުންތަކާ ނުރުހުން ވެސް އަމާޒުކުރައްވާފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅަށް ވަޑައިގަންނަވަނީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުންގެ ވޯޓު ޕީ.އެން.ސީ އަށް ހޯދުމަށްކަމަށް އައްބާސް ތުހުމަތުކުރައްވާފައިވެއެވެ.
މީގެ އިތުރުން ނ. އަތޮޅުގެ ރަށެއް ކަމަށާ ހޮޅުދޫގައި އަންހެނަކު ބޮޑެތި ޒަކަމްތަކަކާއެކު ގޮތް ނޭނގޭ މަރަކުން މަރުވެފައިވާ މައްސަލައިގައި އެ ރަށުގެ ރައްޔިތުންވެސް ތިބީ ރައީސް މުއިއްޒުގެ ސަރުކާރާ މެދު ނުހަނު ހިތްހަމަ ނުޖެހިފައިކަން ފާހަގަކޮށްލެވެއެވެ.
މި ދަތުރުފުޅު ރައީސް ކުރައްވަން ނިންމެވި ނަމަވެސް ޕީއެންސީގެ އެ ދާއިރާގެ ބައެއް މަޖިލިސް މެމްބަރުންނާ މިކަން ހިއްސާކޮށްފައިނުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެ ކުރިންވެސް ނޫނުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ކެންސަލްކުރެއްވިއެވެ.