

އެންމެ ފުރަތަމަ ދީން، މިއީ ޕީއެންސީއިން ވަރަށް ގިނައިން ބުނަމުން އައި ވާހަކައެކެވެ. ނުވަތަ ގެންގުޅު ސްލޯގަންއެކެވެ.
ވަރަށް ރަގަޅު އަދި ހިތަށް އެހާމެ ފިނިކަން ގެނެސްދޭ ސްލޯގަންއެކެވެ. ނަމަވެސް ފޮތެއް އޮތަކަސް އެދުރެއް ނުވޭނެއޭ ބުނާ އުސޫލުން ސްލޯގަންއެއް އޮތަސް އަމަލުނުކުރާ ނަމަ އެއީ ބޭކާރު އެއްޗަކަށް ނުމެ ނޫނީ ނުވެއެވެ.
މި ސަރުކާރަކީ ދީނީ ނުހަނު ގިނަ އިލްމުވެރިންގެ ވެސް ތާއީދާއެކު އައި ސަރުކާރެކެވެ. އެހެންކަމުން އިސްލާމް ދީނު މިއީ މި ސަރުކާރުގެ އެންމެ ފަރސްޓު ޕްރައިރޮޓީއަށް ވެގެން ދާނެ ކަމެއް ކަަމށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.
ނަމަވެސް ވެރިކަމަށް 19 މަސް ދުވަސް ފާއިތުވެގެން ދާއިރު ފެނިގެން ދަނީ އެ އުއްމީދުތަކާ ނުހަނު ބީރައްޓެހި މަންޒަރުތަކެކެވެ. އެގޮތުން އިސްލާމް ދީނަށް ތައުހީނު ކުރުމަކީ އަހަރުމެން ކޮންމެ މުސްލިމަކު ނަފްރަތުކޮސް ކުށްވެރިކުރަން ޖެހޭ ކަމަކަށް ވެއެވެ. އަދި އެފަދަ ބޮޑު ޖަރީމާއެއްގައި ބައިވެރިވާ ބައިވެރީންނަކީ އަހަރުމެންގެ ދުޝްމަނުންކަން ޔަގީނެވެ. ޔައުނީ މުސްލިމުންގެ އަދުއްވުންކަން ޔަގީނެވެ.
ދިވެހިރާއްޖޭގައި އެންމެ ފާޅުކަން ބޮޑުކޮށް އިސްލާމު ދީނަށް ތައުހީނުކޮށް ރަސޫލާ (ޞ.ޢ.ޥ) އަށް ފުރައްސާރަކުރީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) އޭ ކިޔާ ލާދީނީ ޖަމާއަތަކުންނެވެ. އެކަން އޭރު އިދިކޮޅުގައި ތިބެ އަދުވެ ވެރިން ނުހަނު ހަރު އަޑުން ކުށްވެރިކުރިއެވެ. އަދި ތިމަ ތިމާމެމްނގެ ވެރިކަމެއްގައި އެއިން ކޮންމެ މީހަކު އޮންނާނީ ޖަލުގެ ކުޑަ ގޮޅީކަމަށް ބުނަމުން ދިޔައެވެ.
ނަމަވެސް ވެރިކަމާ އާރާ ބާރު ލިބުމުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެއިން ތަނެއްގެ ވެރިއަކު ވީ ހިސާބެއް އޮޅުން ފިލުވާލަން ވެސް ފުލުހުންނާ ވެރިންވެސް މަސައްކަތެއް ކޮށްނުލަނީއެވެ. ތަކުރާރު އެކަމާ ގުޅިގެން ސުވާލުކުރިއަސް ފުލުހުންގެ ޖަވާބެއް ނުވެސް ލިބެނީއެވެ. މިއީ ފަހަރުގައި ކެޕްޓަންގެ ލަގަބުގައި ތިއްބެވި ވަޒީރުންގެ ޑިކްޝަނަރީގައި ސެކިއުލަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރާ ގޮތުގެ މާނަ އޮންނަ ގޮތް ކަމަށްވެސް ވެދާނެއެވެ.
މުޅި ގައުމު ލަދު ގަންނުވާލާ ޕީއެންސީއިން މި ކުރި ކަމަކީ މުޅި ރާއްޖޭގެ ތާރީޚުގައިވެސް ކަޅު ދުވަހެއްގެ ގޮތުގައި ލިޔެވޭނެ ދުވަހެކެވެ. ކުރާނެ ކަމެއް ނެތެވެ. ނުކިޔަވާ ހުރި މީހަކު ވެރިކަމުގައި ހުރެ ކަނޑުކޮސް ކަންތައް ކުރަމުން ގެންދާތީ ކަމުނުގޮސްގެން ގެނައި ކިޔަވައިގެން ހުރި ބޭފުޅާގެ ސަރުކާރުގައި ވެސް މި ފެންނަނީ ހުސް ދިވެހިން ލަދު ގަންނަ ކަހަލަ ކަންކަމެވެ. އެ ކަންވާރަކުން ނުކުންނާނީ އެ ކަންވާރެއްގައި ހުރި ދިޔައެކެވެ.
ބަހަކީ އެ ބަހެއް ބުނުމަށްފަހު ތިމާ އޭގެ އަޅަކަށް ވެދާ އެއްޗެކެވެ. ބަހުގެ ބާރުގަދަ މިކަމުން ވެސް ހާމަވެއެވެ. އެހެންކަމުން ބަހެއް ދުލުން ބޭރުކުރުމުގެ ކުރިން ދެ ގުނަ ވިސްނަން ޖެހެނީ މި ސަބަބަށްޓަކައެވެ.
އެންމެ ފުރަތަމަ ދީނާ ގައުމޭ ކިޔާ ވެރިކަމަށް އައުމަށް ފަހު އެމްޑީއެންގެ ވެރިންނަށް ފިޔަވަޅު އަޅަން ނުކެރިގެން މިއުޅެނީ ކީއްވެބާއެވެ؟ އެންމެ ފުރަތަމަ ދީނޭ ކިޔާ ވެރިކަމަށް އައި މީހުންނަށް އެމްޑީއެންވެސް މިހާރު ހަމަ އޯކޭ ވީތޯއެވެ؟ ވެރިކަމާ ހުރެ ހަމަ އެހާ ވަރަށް ވެރިން ޑެސްޕަރޭޓުވެ ޑިފެންސަށް ކުޅެން މަޖްބޫރުވީތޯއެވެ؟ ނަމަވެސް މިއީ ދެރަ ވަރުގެ ދެރަ ފެންވަރުގެ ކަންކަމެވެ.
ސަލަފް ފަދަ ދީނީ އިލްމުވެރިންގެ ހިޔާވަހިކަމުގައި އައި ސަރުކާރަކުން މި އަޅުވަނީ އެ ދީނީ އިލްމުވެރިންގެ ބޮލުގައި ކޯރިތާއެވެ.
ދީން ހިމާޔަތްކުރާނެ ކަމަށް ބުނެ އައި ސަރުކާރުން ޔޯގާ އަށްވެސް ފުރުސަތު ދީފިއެވެ. އިރު ކަލާނގެއަށް އެ ޖަހާ ސަޖިސަ ޖެހުމާ ކަންތަކުގެ ކުޅިވަރުގަނޑު ކުލެއްނ ދައުލަތުގެ ވަޒީރުންގެ ފެންވަރުގެ މީހުންވެސް ފޮނުވައިގެން އިންޑިއާ ހިތްރުއްސަން މިއަދު ދީނު ވިއްކާލައިފިއެވެ.
ޔޯގާވެސް އޯކޭވެ އެމްޑީއެންވެސް އޯކޭވެ މޯދީއާ ބީޖޭޕީވެސް އޯކޭވެ ކީހާ ޅެން ފަރިއްސަށްވެސް ވެ ސެކިއުލަރިޒަމް ވެސް އޯކޭވީތާއެވެ.
ދީނީ ތާޖު އަޅުއްވައިގެން ވަޑައިގެން މި ފެންނަނީ މުޅިންވެސް ދީނާ ދެކޮޅަށް ގޯލު ޖައްސަވާ މަންޒަރެވެ. ރައީސްއެވެ. ރަގަޅު ކޮށްލާށެވެ. އަމުދުން ދެވަނަ ދައުރެއްގެ ހުވަފެން ދެކެވަޑައިގަންނަވަމުން ގެންދަވާއިރުއެވެ.