theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހަމާސް މީޑިއާ އޮފީހުން އާންމުކުރި މި ފޮޓޯގައި އެ ވަނީ ސަހްޔޫނީންގެ ރަހީނެއް ކަމަށްވާ އުމޭރު ޝެމް ޓޮވް މިވަންކުރުމާ އެކު ހަމާސްގެ މެންބަރެއްގެ މޫނުގައި ބޮސްދޭ މަންޒަރު. -- / އޭއެފްޕީ
ދުނިޔެ
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 10 ސަހުޔޫނީން މިނިވަންކުރަން ހަމާސް އެއްބަސްވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ޖުލައި 2025
މާލެ ސިޓީ

ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ގަތަރުގައި ސަހްޔޫނީންނާއި ހަމާސްއާ ދެމެދު ކުރަމުން އަންނަ ނުސީދާ މަޝްވަރާތަކުގެ ތެރެއިން އަދި އެއްބަސްވުމަކާ ހަމަޔަށް އާދެވުމުގެ ކުރިން އިޒްރޭލުގެ 10 ރަހީނަކު ދޫކޮށްލަން ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ އެއްބަސްވުން އެކުލަވާލާފައިވަނީ ދިގުދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހުގަ އެވެ. އެގޮތުން، ހަމާސްއިން އޮކްޓޯބަރު 7 2023 ވަނަ ދުވަހު ޣައްޒާއަށް ގެންދިޔަ އަސީރުންގެ ތެރެއިން 10 މީހަކު ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ.

ހަމާސްގެ އޮފިޝަލް ތާހިރު އަލް ނޫނޫ ވިދާޅުވީ، އެ ޖަމާއަތުން ވާނީ އެންމެ ފަހުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެ، ރައްޔިތުން ހިމާޔަތްކޮށް، ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވައި، ހަނގުރާމަ ފުރިހަމައަށް ނިމުމަކަށް އަންނަންދެން މިނިވަންކަމާ ކަރާމާތްތެރިކަމާ އެކު ޣައްޒާއަށް ވަނުމުގެ ހުއްދައާއި އެއްވެސް ހުރަހަކާނުލައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި ފަލަސްތީނު މީހުންގެ ފުރާނައަށް ނުރައްކާނުކޮށް ސަހްޔޫނީންގެ ސިފައިން ފައިބަންޖެހޭ ސަރަހައްދުތައް ހިމަނަން ޖެހޭ ކަމަށާއި އެއީ ދެވަނަ މަރުހަލާގެ މަޝްވަރާތަކަށް މަގުފަހިވާ ކަމެއް ކަމަށެވެ.

ރަހީނުކުރި މީހުންގެ ތެރެއިން ދިރިހުރި 10 މީހަކު ދޫކޮށްލުން، މިހާރު މަޝްވަރާކުރާ ހުށަހެޅުމުގައި ވެސް ހިމެނޭ ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވި އެވެ.

މަޝްވަރާތަކުގައި ސަހްޔޫނީން އެމެރިކާގެ ހުށަހެޅުމާ ނުރުހި ދެބަސްވުން ބޮޑުވި ކަމުގެ އިޝާރާތްތަކެއް ކުރިން ވަނީ ލިބިފަ އެވެ. މަޝްވަރާތައް ހަތަރު ވަނަ ދުވަހަކަށް ދެމިގެން ދިޔައީ ޣައްޒާއަށް އެހީ ވެއްދުމުގައި އެމެރިކާއިން އެދޭ ގޮތަށް ސަހްޔޫނީން އެއްބަސްނުވުމުން ކަމަށްވެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާއިރު ވެސް ސަހްޔޫނީން އަންނަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެގޮތުން، މިއަދު ފަތިހުން ފެށިގެން މިހާތަނަށް ދިން ހަމަލާތަކުގައި 74 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޚީ އިދާރާތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved