

ފަލަސްތީނު މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒުގެ އޮތީ ކަން ދެއްކުމުގެ އާދައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މެދު އިރުމައްޗަކީ އަބަދުވެސް މުސްލިމު ދައުލަތްތަކާ މުސްލިމު ނޫން ދައުލަތްތައްވެސް ހިމެނޭ ހިސާބެއް ކަމަށާ މެދުއިރުމަތި އަބަދުވެސް ހަލަބޮލި ހިސާބެއްގެ ގޮތުގައި އޮތްއިރު، އިސްލާމީ ދައުލަތުގެ މައްޗަށް ޣައިރު މުސްލިމުން ބާރުވެރިވެ އެ ގައުމުތަކުގެ މިނިވަންކަމުގެ މައްޗަށް އަރައިގަންނައިރު އެއް އުއްމަތެއްގެ ގޮތުގައި އޮވެ މުސްލިމު ގައުމުތަކުން ބަލަން ޖެހޭ ކަންތައްތައް ހުންނަ ކަމަށެވެ.
ދިވެހި ދައުލަތަކީ ޒަމާނުއްސުރެ މުސްލިމު ދައުލަތެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށްވީ ނަމަވެސް އެފަދަ މައްސަލަތަކުގައި ރާއްޖެއަށް ބަސްކިޔަން އުނދަގޫވާ މަންޒަރު ފެންނަކަމަށް ވިދާޅުވެ ރައީސް ޔާމީން ޔަހޫދީ ދައުލަތާ އީރާނާ ދެމެދު ހިނގި ހަމަނުޖެހުމުގައި އެމެރިކާއިން ވަދެގަތް ކަމަށެވެ. ނަމަވެސް އިސްލާމީ ދައުލަތަށް އެވަރުގެ ގެއްލުންދީ އެމެރިކާއާ އިޒްރޭލުން ހިންގި ހަނގުރާމަ ކުށްވެރިކޮށްލަން ދިވެހި ސަރުކާރު ނުލުޅެދިފައި އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު އިޒްރޭލުން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް މަރަމުން ކަތިލަމުންގެންދާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެކަން ކުށްވެރިކޮށްލާނެ ހިތްވަރު ދިވެހި ދައުލަތުގައި ނެތް ކަމަށެވެ. ނަމަވެސް ސަރަހއްދުން ދުރުގައި އޮންނަ ގައުމެއްގެ ހައިސިއްޔަތުން އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތައް ދުވާލަކު އެއް ފަހަރު ދިވެހި ސަރުކާރުން ކުށްވެރިކުރަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ފަަލސްތީނުގެ ރައީސްއާ ބައްދަލުކުރަން ވަޑައިގަންނަވާ އިރު ފަަލސްތީނު ކެފިޔާ އަޅާ ކަންދެއްކުމަކީ ރައީސް މުއިއްޒާ ސަރުކާރުގެ ވެރިންގެ މަސައްކަތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދެއްކުންތެރިކަމާއެކު ވަޑައިގެން މުއިއްޒު އަތްބޭނީ މާތް ޚަލީފާއިން ވެސް ނުކުރައްވާ ކަންކަމަށެވެ.