

ޣައްޒާގެ އެކިސަރަޙައްދުތަކަށް ވަދެފައިވާ ސަހްޔޫނީންގެ އަސްކަރީ ބާރުތަކާއި އުޅަނދުތަކަށް އަމާޒުކޮށް ހަމާސްގެ ޢަސްކަރީ ވިންގުން އައު ހަމަލާތަކެއް ދީފައިވާކަމަށް އިޢުލާނުކޮށްފިއެވެ.
މި ހަމަލާތައް ދީފައި މި ވަނީ ހަނގުރާމަ ހުއްޓާލުމާއި އަސީރުން ދޫކޮށްލުމުގެ އައު އެއްބަސްވުމަކަށް ވާސިލުވުމުގެ އުއްމީދުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ހަމާސްގެ އަސްކަރީ ވިންގު، އަލް-ޤައްސާމް ބްރިގޭޑްސްއިން ބުނެފައިވާ ގޮތުގައި، ޚާން ޔޫނިސްގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ހުރި "އަލް-މަސްލަޚް"ގައި ކުރިން ބެހެއްޓިފައި ހުރި ވަރުގަދަ ބޮމަކުން އިސްރާއީލީ މެރްކަވާ ޓޭންކެއް ފަނާކޮށްލާފައިވެއެވެ.
މީގެ އިތުރުން، ޚާން ޔޫނިސްގެ މެދުތެރޭގައި ހުންނަ ޝައިޚް ނާސިރު ޖަންކްޝަން ކައިރީގައި ދެ މެރްކަވާ ޓޭންކަކަށް "ޔާސީން 105" އަދި "ޓެންޑަމް" މިސައިލްތަކުން ހަމަލާދީފައިވާ ކަމަށްވެސް އެ ބްރިގޭޑްއިން ހާމަކޮށްފައިވެއެވެ.
ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް-ތުފާހް ސަރަޙައްދުގެ އިރުމަތީގައި ހުންނަ ޖަބަލް އަލް-ސޫރާނީގައި ހުރި ސަހްޔޫނީންގެ އަސްކަރީ "ކޮމާންޑް އެންޑް ކޮންޓްރޯލް" މަރުކަޒަކަށް ރޮކެޓް ހަމަލާއެއް ދީފައިވާކަމަށް އިސްލާމިކް ޖިހާދުގެ އަސްކަރީ ވިންގް، ސަރާޔާ އަލް-ޤުދުސްއިން ބުނެފައިވެއެވެ.
އެ ޖަމާއަތުން ވަނީ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަބަސަން އަލް ކަބީރާ ސަރަހައްދުގައި ސަހްޔޫނީންގެ ސިފައިންގެ މީހާ އަތުލައިގަތުމަށް މަސައްކަތް ކުރި ވީޑިއޯއެއް އާންމުކޮށްފަ އެވެ. އަދި ހަމަ އެ ސަރަހައްދުގައި ހަމާސްގެ ހަނގުރާމަވެރިން ސަހްޔޫނީންގެ ދެ ޓޭންކާއި އަސްކަރީ ދެ ބުލްޑޯޒަރަށް ހަމަލާދޭ މަންޒަރު ވެސް އެ ފޫޓޭޖުން ފެނެ އެވެ.
ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ގޮވާލުންތަކަށް ދެކޮޅު ހަދައި އިސްރާއީލު ސިފައިން ވަނީ އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް އަނިޔާވެރި ހަމަލާއެއް ދީ، އެތަކެއް ހާސް ފަލަސްތީނު މީހުން މަރުވެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފަ އެވެ.