

މިދިޔަ މަހުގެ 15 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި ގައުމީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ސަހްޔޫނީންއިން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޒަޚަމްވެވަޑައިގެން ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީން ބުނެފިއެވެ.
އީރާނުގެ އަސްކަރިއްޔާ ގުޅުން އޮންނަ ނޫސް އެޖެންސީން ބުނީ އެ ހަމަލާ ދީފައި ވަނީ މެންދުރުފަހުގެ ވަގުތެއްގައި ސަރުކާރުގެ އެގްޒެކެޓިވް، ލެޖިސްލޭޓިވް، އަދި ޖުޑިޝަލް ބްރާންޗްގެ އިސްވެރިންނާއެކު އެހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބައްދަލުވުން ބޭއްވި ބިންގަރާހަށް ވަންނަ ދޮރާ ދިމާލަށް ބޮމުގެ ހަމަލާ ސަހްޔޫނީން ދީފައިވެއެވެ.
އެ ހަމަލާގައި ޒަޚްމަވެފައި ވަނީ ރައީސްގެ ފައިންޕުޅެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން މިހާރު ގެންދަނީ މިފަދަ ބައްދަލުވުންތަކުގެ މައުލޫމާތު ސަހްޔޫނީންއަށް ލިބޭ ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ޕެޒެޝްކިއަން ވަނީ އެމެރިކާގެ މީޑިއާ ފިގާ ޓަކާ ކާލްސަން އަށް ދިން އިންޓަވިއުއެއްގައި އެމަނިކުފާނު އަވަހާރަކޮށްލަން ވެސް ސަހްޔޫނީން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ.
އެ އިންޓަވިއުގައި ޕެޒެޝްކިއަން ވިދާޅުވީ އެމަނިކުފާނު ގެ ފުރާނައަށް އަރައިގަތުމަށް ކުރި މަސައްކަތުގެ ފަހަތުގައި އޮތީ އެމެރިކަާއީން ނޫން ކަމަށާއި އެއީ އިސްރާއީލް އިން ދީފައިވާ ހަމަލާއެއް ކަމުގައެވެ.
ޕެޒެޝްކިއަން ޒަޚަމްވެވަޑައިގެން ކަން ހާމަކޮށްފައި ސަހްޔޫނީން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިންތާ މަސް ދުވަސްވީ ފަހުންނެވެ. މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ސަހްޔޫނީންގެ ހަމަލާތައް ދީފައިވަނީ ނިއުކްލިއާ މަޝްވަރާތައް އީރާނާއި އެމެރިކާއިން ކުރަން ފެށިތަނާއެވެ. ނަމަވެސް އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން މަޝްވަރާތައް ކުރުން ވަނީ ހުއްޓާލާފައެވެ.