

މޯލްޑިވެސް ބްރޮޑްކާސްޓިންގ ކޮމިޝަނާއި ޗައިނާގެ ނެޝެނަލް ރޭޑިއޯ އެންޑް ޓެލެވިޜަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮސްފިއެވެ.
މި އެއްބަސްވުމަކީ ބްރޯޑްކާސްޓިންގ އާއި އޯޑިއޯ-ވިޝުއަލް ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤެވެ. މި އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން މިނިސްޓަރ ސާއޯ ޝޫމިން އެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުން، ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި ހިންގުމާއި، ރެގިއުލޭޓަރީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދެ ޤައުމުގެ ތާރީޚާއި ޘަޤާފީ ވަސީލަތްތައް ދިރާސާކޮށް، ޓީވީ ސީރީޒް، އެނިމޭޝަން، ޑޮކިއުމެންޓަރީފަދަ އެކި ބާވަތުގެ އޯޑިއޯ-ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަމާއި އެއްބާރުލުންދީ، ދެ ޤައުމުގެ ބްރޯޑްކާސްޓަރުންނާއި އޯޑިއޯ-ވިޝުއަލް އަދި އައު މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދީ، ބްރޯޑްކާސްޓިންގ އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ޓެކްނޮލޮޖީ އާއި، ބްރޯޑްކާސްޓިންގ ޞިނާއަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން އޯޑިއޯ-ވިޝުއަލް މީޑިއާ މެނޭޖްމަންޓް، ޓެކްނޮލޮޖީ އަދި ކޮންޓެންޓް އުފެއްދުން ފަދަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް އެކުގައި ރާވައި ހިންގުން މާއި ގުޅޭގޮތުންވެސް މި އެއްބަސްވުމުގައި ވެއެވެ.