March 17, 2026
Advertisement
ޓީއެމްއޭގެ ބޯޓެއް ލޭންޑްކޮށްފައި.
ޓީއެމްއޭގެ ބޯޓެއް ލޭންޑްކޮށްފައި.

ޑޮލަރުން މުސާރަ ނުދޭތީ ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ އިހުތިޖާޖަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 19, 2025, 11:30 PM
މާލެ ސިޓީ

މީގެ ކުރިން އެ ކުންފުނީގެ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައިވާތީ ޓްރާންސް އެއާ މޯލްޑިވްސް (ޓީއެމްއޭ)ގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ އިހުތިޖާޖަށް ނުކުންނަން ނިންމައިފިއެވެ.

Advertisement

ޓީއެމްއޭގެ މުވައްޒަފުން ކުރިން ޑޮލަރުން މުސާރަ ދެމުން އައި ނަމަވެސް އެ ނިންމުން ބަދަލުކޮށް ދިވެހި ރުފިޔާއިން މުސާރަ ދޭން ނިންމާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިފްތިތާހުކުރި ޑޮލަރު މާރުކުރުމުގެ ސިޔާސަތާއެކު ކުންފުންޏަށް ޑޮލަރު ހޯދުން ދަތިވެފައިވާތީއެވެ.

އެގޮތުން ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން 20 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުވާތީ، ޓީއެމްއޭއިން އެމްއޭސީއެލްއަށް ދައްކާ ބިމު ކުއްޔާއި ތެލުގެ އަގު ރުފިޔާއިން ގަބޫލު ކުރަން އެދުނު ނަމަވެސް ސަރުކާރުން އެ ހުށަހެޅުން ބަލައިނުގަތުމާ އެކު އެކަމުގެ ނަތީޖާއަކަށް ވެގެން ދިޔައި ކުންފުނީގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން މަޖުބޫރުވުމެވެ.

ކުންފުނިން މުވައްޒަފުންނާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ. އަދި މުސާރަ ރުފިޔާއަށް ބަދަލުކޮށްފި ނަމަ، އެއީ ޑޮލަރުގެ ރޭޓު މިހާރު ހުރި ވަރުން ނަމަ ބޮޑު ގެއްލުމަކަށް މުވައްޒަފުންނަށް ވެގެންދެއެވެ.

އެހެންކަމުން 60 ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގެ 1500 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އިހުތިޖާޖަށް ނުކުތުމަށް ނިންމާފައިކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މި ހިނގާ މަހުގެ މުސާރަ ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުންވަނީ ނިންމާފައެވެ.

ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލާނެ ކަމަށްވެއެވެ.

މިދިޔަ ޖޫން 22، ވަނަ ދުވަހު އާ ޖޫން 30، ގައި ޓީއެމްއޭއިން މުވައްޒަފުންނަސް ފޮނުވި ސިޓީގައި ވަނީ ޖޫން މަހުން ފެށިގެން މުސާރަ ޖަމާކުރާނީ ބޭންކް ރޭޓުގައި ކުރިން ޑޮލަރުން ދެމުން އައި މުސާރައަށް ޖެހޭ ރުފިޔާއަށް ކަމަށެވެ.

މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މުވައްޒަފުންގެ ހުރި ހިތްހަމަނުޖެހުންތަކާ ގުޅިގެން ރޭ ހުޅުމާލެ ވޯޓާސް އެޖް ރޫފްޓޮޕްގައި މުވައްޒަފުން އެއްވެ މަޝްވަރާކޮށްފައިވެއެވެ.


އޭވިއޭޝަން ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ އޭވިއޭޓާސް މޯލްޑިވްސްގެ ސައިޓްގައި ލިޔެފައިވާ ގޮތުން މި ބައްދަލުވުމުގައި ޓީއެމްއޭގެ ޕައިލެޓުންނާއި ކެބިން ކްރޫން އަދި އިންޖިނިއަރުން ވެސް ބައިވެރިވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved