March 19, 2026
Advertisement
ނަތަންޔާހޫ
ނަތަންޔާހޫ / ރޮއިޓަރސް

ޣައްޒާއަށް ހަމަލާ ދިނުން ހުއްޓުވޭނެ ބަޔަކު ނުތިބޭނެ: ޖައްބާރު ނަތަންޔާހޫ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 25, 2025, 12:08 AM
މާލެ ސިޓީ

ސަހްޔޫނީން ޣައްޒާއަސް ދެމުން ގެންދާ ހަމަލާތައް ހުއްޓުވާނެ ބަޔަކު ނުތިބޭނެ ކަމަށް ޖައްބާރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

Advertisement

ޓެލްއަވީވުގައި ބުދަ ދުވަހު ދިން ބަޔާނެއްގައި ނަތަންޔާހޫ ބުނީ، އިސްރާއީލު ބޭނުންވާ ދެ މަގުސަދެއް ހާސިލު ކުރެވެންދެން ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.

ފުރަތަމަ މަގުސަދުގެ ގޮތުގައި ނަތަންޔާހޫ ބުނީ ޣައްޒާގެ ވެރިކަމުން ހަމާސް ދުރުކުރުމެވެ. ދެވަނަ މަގުސަދަކީ ހަމާސް އެއްކޮށް ބަލިކޮށް އިނދަ ޖައްސާލުން ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ، އިސްރާއީލު ހުއްޓުވޭނެ އެއްވެސް ފަރާތެއް ނެތް ކަމަށާ އިސްރާއީލު ބޭނުންވާ ކޮންމެ ކަމެއް ބޭނުންވާ ގޮތަކަށް ކުރާނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި މަރަމުން ގެންދާ ޖަރީމާއާ ބޮންއަޅައިގެން ޣައްޒާގެ އާންމުން މަރަމުން ގެންދާ ޖަރީމާއާ ގުޅޭގޮތުން ވާހަކަދައްކަން އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމުގައެއި ބުނެ ނަތަންޔާހޫ ވަނީ އެކަމުގައި ޖަވާބުދާރީވުމުން ބޯ ދަމައިގަނެފައެވެ.

ޣައްޒާގެ އާންމުން ކާންބޯން ބޭނުންނަމަ އަދި ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ އެ މީހުން ޖެހޭނީ ޣައްޒާއިން ބޭރުވާން ކަމަށް ނަތަންޔާހޫ ބުންޏެވެ. ޣައްޒާ ދޫކޮށް އެހެން ގައުމަކަށް ހިޖުރަކުރުމުގެ ފުރުސަތު ޣައްޒާގެ ރައްޔިތުންނަށް އޮތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިސްރާއީލުގެ ދެ މަގްސަދު ހާސިލުވަންދެން ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ނަތަންޔާހޫ ބުނެފައިވާއިރު ހަނގުރާމައަށް ދެ އަހަރުވާން ގާތްވެފައިވާއިރު ވެސް އެއިން އެއްވެސް މަގުސަދެއް އިސްރާއީލަށް ހާސިލު ވެފައެއްނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved