

ބުއްދި ރައްކާތެރިކުރުމަކީ އިސްލާމް ދީން އެ ފަސްކަމެއް ރައްކާތެރި ކުރުމަށްޓަކައި ބާވައިލެއްވުނު މައިގަނޑު މަގްސަދުތަކުގެ ތެރެއިން އެއް މަގްސަދު ކަމަށާއި ބުއްދި ރައްކާތެރި ކުރުމަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހާ ކަންކަމާއި ދުރުކޮށް އިންސާނާ ރައްކާތެރި ކުރުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ބުއްދި ހިމާޔަތް ކުރުން" މި މައުޟޫއަށް މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވާއުރ، ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯ އެއްޗަކުން ނުވަތަ ކުރާ އަމަލަކުން ނުވަތަ ވިސްނާ ވިސްނުމަކުން ބުއްދިއަށް އެކަމުގެ ނުބައި އަސަރު ކުރާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމުގައެވެ.
މާތް ﷲ އިންސާނާ އެހެން މަޚްލޫގުންތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވާފައިވާ ވިސްނުމާއި ބުއްދީގެ ބާރުން ކަމަށާއި އެހެންކަމުން ވިސްނާ ފިކުރުކޮށް ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
މި ކުޑަކުޑަ އިސްލާމީ މުޖުތަމައުގައި އިންސާނާގެ ހަމަ ބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ އަމަލުތައް ކުރާކަމީ ހިތާމަ ހުރި ކަމެއްގެ ގޮތުގައި ފާހަގަކޮށް މިފަދަ ކަންކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި މުސްލިމް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އުއްމަތް އެއްބައިވުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ނަމަވެސް ހިތާމަޔަކީ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ނުހިފާ މުސްލިމުންނާއި ދެކޮޅުވާ ފަރާތްތަކާއި ސަލާން ގަލާންކޮށް އެކުވެރިކޮށް އާލާކޮށް މުސްލިމުން ނިކަމެތިކޮށްލާތަން ފެންނަމުން ދާތީއެވެ.