theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަހަރުމެން ކައިރީ އިސްރާފު ކުޑަކުރަން ބުނެފައި، އެ މީހުން ކުރަނީ އިސްރާފެވެ! / ތޭރަގްރެފިކްސް
ރިޕޯޓު
އަހަރުމެން ކައިރީ އިސްރާފު ކުޑަކުރަން ބުނެފައި، އެ މީހުން ކުރަނީ އިސްރާފެވެ!
Mariyam Isaadha
މަރިޔަމް އިސާދާ
31 ޖުލައި 2025
މާލެ ސިޓީ

ގައުމުގައި ސިޔާސީ މަގާމުތައް މަދުކޮށް ހިންގުމުގެ ޚަރަދު ކުޑަކޮށް ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލުމަށް އިލްތިމާސްކޮށް އައިއެމްއެފުން ރާއްޖެއަށް ލަދާދިންތާ ދެ އަހަރު ފާއިތުވަނީ އެވެ. އެއާއެކު ފެނިގެން ދިޔައީ ޕީއެންސީގެ ވެރިން ޚާއްސަކޮށް ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ޚަރަދު ކުޑަކުރަން ރައްޔިތުންނަށް ގޮވާލާ ރައްޔިތުން ގަރުދިޔައާ ބަތާ ކާން ގޮވާލި މަންޒަރެވެ. ގަރުދިޔަ ޖަގަހައިގައި ޖަލްސާ ބާއްވާ، ރައްޔިތުން ޚަރަދުކުޑަކުރަން ގޮވާލިއިރު މިހީވީ ގައުމު އިނދަ ޖެހިގެން އުޅެނީ ރައްޔިތުން އެމީހުންގެ މުހުތާދުތައް ފުއްދަން ދައުލަތުގެ ފައިސާ ބޭނުން ކުރާތީ ހެންނެވެ. މިހާ ވެސް މިއަދުގެ ވެރިން ރައްޔިތުން ބޮލުގައި ކަންކަން އަޅުވާ ކަމުން ރެކެން މޮޅެވެ.

ކަންކަން މި މަގުން ދަތުރުކުރަމުންދިޔަ ނަމަވެސް ވެރިންނާ ދައުލަތުގެ ހިންގުމުގެ ހަރަދު އެންމެ ތަންފުކެއްވެސް ދަށް ނުވެއެވެ. ސަރުކާރުން ބުނެއެވެ. ދައުލަތުގައި ފައިސާއެއް ނެތެވެ ލޯނު ދައްކާފައި އެއްޗެއް ބާކީ ނުވެއެވެ. ގަރުދިޔައާ ބަތާ ކައިގެން ފުއްދާލާށެވެ. ބޭރުގެ ފިހާރަތަކުން ވިޔަފާރި ނުކުރާށެވެ. ރައްޔިތުން އިސްރާފު ކުޑަކުރާށެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރައިގައި ތިބެގެން އައްޔާޝީކުރަމުން ބޭކާރު ޚަރަދުކުރަމުން ނިފާގަތުގެ އަމަލުތައް ހިންގަމުން، ރައްޔިތުން ކައިރީ ގަރުދިޔައާ ބަތާ ކައިގެން ދަށް ފަންތީގެ ދިރިއުޅުމަކަށް ތިރިވާށޭ ބުނަން ކެރޭނީ ހާދަހާ އަސްލުވެސް ލަދު ކުޑަވީމައެވެ. ކަނީ އަހަރުމެން ރައްޔިތުންގެ ލާރިއެވެ. ލަނީ އަހަރުމެން ރައްޔިތުންގެ ލާރިން ގަންނަ އަންނައުނެވެ. ދުއްވަނީ އަހަރުމެން ރައްޔިތުންގެ ފައިސާއިން ގަންނަ ވެހިކަލްތަކެވެ. އެކަމަކު އަހަރުމެން ރައްޔިތުން ދަށްކޮށްލުމުގެ ނިޔަތުގައި މިކިޔަނީ ބޮޑެތި ލޯނުތައް ނަގައިގެން އައިފޯނާ ސައިކަލާ އަގުބޮޑު ދިރިއުޅުން އުޅެނީ ކީއްކުރަން ހެއްޔެވެ؟

ކޮންމެ އަކަސް ހިތި ބޭސްވެސް ބޯންވީ ވެސް ރައްޔިތުންނެވެ. ގަރުދިޔަ އާ ބަތް ކައިގެން ދިރިއުޅުން ދަށް ފަންތިއަކަށް ތިރި ކުރަންވީ ވެސް ރައްޔިތުންނެވެ. ބޮޑު ކުރި ޓެކްސްވެސް ދައްކަން ވީ ވެސް ރައްޔިތުންނެވެ. ވެރިންނަށް އޮތީ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން އައްޔާޝީކުރުމެވެ. މިއީ ދިވެހީންގެ ރާއްޖޭގެ ހުކުމްހެއްޔެވެ؟ ރައްޔިތުންނަށް ގަރުދިޔައާ ބަތެވެ.

އިންފްލެޝަން ރޭޓު މަތިވެ ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ތިއްބާ ދެން ފެނުނީ އަނެއްކާވެސް ހައިރާންވެ އަންތަރީސްވެ ބައިނާޅިކެވޭ ވަރުގެ ކަމެކެވެ.

އެހެންޏާ ފަހެ މިއުޅެނީ މި ގައުމުގެ ޚަރަދުތައް ފޫ ނުބެއްދި ގައުމު އިނދަ ޖެހޭތީ ކަމަށްވާއިރު ބޮޑު އަގުގައި 16 ސަރަހައްދެއްގައި އެއް ފަހަރާ ހަވާ އަރުވައިފިއެވެ. އާދަޔާ ހިލާފު ރީތި ކަމެއް ނެތެވެ. ގިނައީ ދުމެވެ. ކިރިޔާާ މާލެއަށް ފެންނަ ހިސާބުގައި އެރުވި ހަވަޔެވެ. ކޮން ބަޔަކަށް ދައްކަން ކަމެއް ނޭނގެއެވެ. ކުރި ހަރަދާ މެދު ވިސްނަމުން ރައްޔިތުން ގެއަށް ދިޔައެވެ އަހަރުމެން ކައިރީ އިސްރާފު ކުޑަކުރަން ބުނެފައި، އެ މީހުން ކުރަނީ އިސްރާފެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved