
ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށްވާ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ކޮންމެހެން ބޭނުންވާ މީހުންނަށް އެފަދަ އެހީ ދިނުމަށް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ލަފާދީފިއެވެ.
ރާއްޖެވެސް ހިމެނޭހެން އޭޝީއާގެ ގައުމުތަކަށް އަމާޒުކޮށް އޭޑީބީއިން ނެރުނު މި ލަފާގައިވަނީ، މިދިޔަ އޭޕްރިލް މަހު ލަފާކުރި ވަރަށްވުރެ ވެސް އިތުރަަށް، ދެކުނު އޭޝިއާގެ ގައުމުތަކުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.
އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މި މަހުގެ ރިޕޯޓު ނެރެ އޭޑީބީއިން އަލިއަޅުވާލާފައި ވާ އިތުރު ކަންކަމަށް ބަލާއިރު ހިމެނެނީ، މި އަހަރު ދެކުނު އޭޝިއާގެ އިންފްލޭޝަން 5.7 އިންސައްތައަށް އުފުލޭނެ ކަމަށެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ އަދަދު ހުރީ 2.9 ޕަސެންޓްގައެވެ. ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި ތަކެތީގެ އަގު މި އަހަރު ފަސް އިންސައްތަ އުފުލި، އިގުތިސާދީ ދުވެލި ކުރިއަރާނީ އެއް އިންސައްތަ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.
އެއާއެކު ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭޑީބީގެ ރިޕޯޓުގައި ވަނީ އެ ބަދަލުތައް އަންނަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އަރައި، ތެލުގެ އަގު އުފުލުމުންކަން ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ ތެލުގެ އަގު އުފުލެމުން، އޭޝިއާގެ ގައުމުތަކުގެ ދައުލަތަށް ބުރަ ބޮޑުވުން ވެސް އެކަށީގެންވާ ކަމަށެވެ. އެގޮތުން ސަބްސިޑީތަކުން ލުއިތައް ލިބުނު ނަމަވެސް، ދިގު މުއްދަތަށް ބަލާއިރު، ޚާއްސަކޮށް ތެލުގެ އަގު އުފުލެމުންދާނަމަ އެއީ ޚަރަދު ބޮޑު ނިޒާމަކަށް ވާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެހެންވެ، އޭޑީބީގެ އެނެލިސްޓުން ވަނީ، އިޔާދަނުކުރެވޭ ތެލަށް ދޭ ސަބްސިޑީ މަދުކުރުމަކީ އިގުތިސާދީ ވިލުންތެރިކަން އިތުރުކޮށް، ކުއްލިއަކަށް ތެލުގެ އަގު އުފުލޭ ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށް އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ހަމައެއާއެކު، އެއީ ތެޔޮ ބޭނުންކުރުމުގައި ފަރުވާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެނެލިސްޓުން ވަނީ ފާހަގަކޮށްފައެވެ.
މިހުރިހާ ކަމަކާ އެކު އެ އިދާރާއިން ވަނީ، އިގުތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީ ދިނުމަށް، އެފަދަ އެހީ އެންމެ ބޭނުންވާ ގޭބިސީތައް ފާހަގަކޮށް ލުއިތައް ދިނުމަށެވެ. އެގޮތުން އެ ގޭބިސީތަކަށް ފައިސާ ދިނުމާއި، ޕަބްލިކް ޓްރާންސްޕޯޓަށް ސަބްސިޑީ ދިނުން ފަދަ ކަންކަން ކުރެވޭނެ ކަމަށް ލަފާދީފައެވެ.
ހަމައެހެންމެ އިސްރާފުނުވާ ގޮތަށް ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ މަސައްކަތްތައް ކުރުމަށާއި ކަރަންޓުގެ ކޮންމެ ޔުނިޓަކުން އަގު ކުޑަ ކުރުމުގެ ބަދަލުގައި، ގޭބިސީތަކުގެ ބިލަށް ކަނޑަައަޅައިފައިވާ ވަކި ޑިސްކައުންޓެއް ދިނުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.
އެފަދަ އެހީތައް ދާއިމީކޮށް ދިނުމުގެ ބަދަލުގައިި، އަގުތައް ހެޔޮވާން ފެށުމުން، އިތުރަށް ދޭ އެހީތައް ކަނޑާލުމަކީ ވެސް އޭޑީބީއިން ދީފައިޥާ ޚިޔާލެކެވެ.










