

އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާއި ޚިލާފުވުމުން އަސްކޮއި ޓްރެވަލްސް އަށް އިސްލާމިކް މިނިސްޓްރީ އިން ފިޔަވަޅު އަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ މިނިސްޓްރީ އިން ދޫކޮށްފައިވާ އަސްކޮއި ޓްރެވަލް ސަރވިސް ލިމިޓެޑުން ވަނީ އެ ކުންފުނީގެ ހަވާލުގައި 2025 ޖުލައި މަހުގައި އުމްރާއަށް ދިޔުމަށް ފައިސާ ދައްކާފައިވާ މީހުންގެ ޕާސްޕޯޓާއި އެހެނިހެން ބައެއް ލިޔެކިޔުންތައް އަތުލައި، ފުރަން ކައިރިވުމުން ސައުދީ އަރަބިއްޔާއަށް މި ދުވަސްވަރު ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ބުނެ ދަތުރު ފަސްކޮށްފައި ކަމަށެވެ.
އަދި މިކަމާއި ގުޅިގެން އުމްރާއަށް ދިޔުމަށް އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ޝަކުވާ މިނިސްޓްރީއަށް ވަނީ ލިބިފައިވާ ކަމަށާއި މި ފަރާތްތަކުން އެ ކުންފުނީގެ އިސްވެރިޔާއާއި ގުޅަން ކުރި މަސައްކަތްތައް ނާކާމިޔާބު ވެފައިވާ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
އަދި އިސްލާމިކް މިނިސްޓްރީ އިން ވެސް ވަނީ އަސްކޮއި ޓްރެވަލްގެ އިސްވެރިޔާއަށް ގުޅަން މަސައްކަތްކޮށްފައި ކަމަށާއި ނަމަވެސް މިނިސްޓްރީގެ އެއްވެސް މުއާމަލާތަކަށް އެ ފަރާތުން ޖަވާބު ދީފައި ނުވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އިން އަސްކޮއި ޓްރެވަލްސް އަށް ފޮނުވާފައިވާ ސިޓީގެ ޖަވާބެއްވެސް ލިބިފައި ނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، އުސޫލު ނަންބަރު 2024/G-30 ގެ ދަށުން އަންނަނިވި ފިޔަވަޅުތައް މިނިސްޓްރީ އިން ވަނީ އެ ކުންފުންޏަށް އެޅުމަށް ނިންމާފައެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް މި މިނިސްޓްރީން އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުން
އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން
2025 ޖުލައި އުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރީފަންޑް އެ ފަރާތްތަކަށް އަނބުރާ ހަވާލުކުރުމަށް އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަށް އެންގުން
މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ އިދާރާއަށް ހުށަހެޅުން
މިއާއި އެކު މި ފިޔަވަޅުތައް ތަންފީޒުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއްނެތި ކުރާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
އުމްރާއަށް ގެންދާ ކުންފުނިތަކުން ފައިސާ ދައްކާ ފަރާތްތަކަށް މަކަރު ހެދުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާ ކަން ފާހަގަވެއެވެ. އަދި މި ފަރާތްތަކާއި މެދު އިސްލާމިކް މިނިސްޓްރީން އަންނަނީ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅަމުންނެވެ.