

ދިވެހީންގެ މިނިވަން ދުވަސް އައިސް ބައްދަލުކޮށް ދިޔައިރު ދިވެހީންގެ ރާއްޖޭގައި ދިވެހީންގެ ބާރުތައް ހުރީ ހައިޖެކުކުރެވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބާގައި ޗެނަލް 13 އިން ގެނެސްދިން ޚާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، މިިނިނިވަންކަން މިނެކިރާނީ ގައުމުގެ ފުދުންތެރިކަމުން ކަމަށެވެ.
އަލީ ވިދާޅުވީ މިނިވަން ދުވަހެއް އައިސް ބައްދަލުކޮށް ގޮސްފައިވާއިރު މިނިވަންކަމުގެ އިހުސާސު ނުވާކަމަށް ރައްޔިތުން ބުނާ ބަހުގެ މާނައަކީ ރައްޔިތުންގެ ހާލަތު ދަށްވެ ބަހެއް ބުނާނެ މިނަވްރުވެސް ނެތުން ކަމަށެވެ.
އެގޮތުން ޑޮލަރުގެ އަގު މަތިވެ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ބަނޑު ފުރާ މުއްތި ކުރާނެ ވަރުވެސް ނެތުމުން އޭގެން އެނގެނީ މިއަދު ގައުމުގެ އިގްތިސޯދީ އޮތީ ފުދުންތެރިކަން މަތީގައި ނޫން ކަމަށެވެ.
އަލީ ވިދާޅުވީ ގައުމުގައި ހުރި ރައްޔިތުންގެ ހުރިހާ ބާރެއްވެސް ހައިޖެކު ކުރެވިފައިވާއިރު ދެން މިނިވަނުންނޭ ބުނާނީ ކިހިނެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އަޅުގަޑުމެންގެ މިިވަން އައިއިރު އަޅުގަޑުމެންގެ ހުރިހާ ބާރުތަކެއް މިއޮތީ ހައިޖެކު ކުރެވިފައި. ރައްޔިތުންގެ މަޖިލީހަށް ބައްލަވާ. މަޖިލީހުގެ ހުރިހާ މެމްބަރުން އެ ތިބި ސަންދޯކަށް ލާފައި. ހަމައެކަނި މަތީ ފިލާއަޅާފައި މޮހޮރު ނުޖަހާކަން. ރައްޔިތުންގެ މަޖިލީސް މިނިވަން ނުވީމާ މިވާ ގޮތަކީ ދެން ތިބި ހުރިހާ މިނިވަން މުއައްސަސާތަކެއް ގެ ދުވަސް އެ ދިޔައީ. އެހެންވީމަ ހަގީގަތުގައި ގައުމުގެ އެ ރައްޔިތުންގެ މަޖިލީހާ މިނިވަން މުއައްސަސާތައް އެ ވަނީ ފުނޑާލެވިފައި. އެއް ހައިޖެކުކޮށްފައި. ދެން އޮތީ އަޅުގަޑުމެންގެ ޖުޑިޝިއަރީ. އެއީ މި ހުރިހާ ކަމެއް ގޯސްވީމަ މިކަންކަން ރަގަޅު ކުރަން އޮންނަން ޖެހޭ މިނިވަން ޖުޑިޝިއަރީ. މިނިވަން ގައުމެއް އޮންނަނީ މިގޮތަށް ހުންނަ މިނިވަން ބާރުތަކެއް އޮތީމަ. މިނިވަން ޖުޑިޝިއަރީއަކާ ނުލާ މިނިވަން ގައުމެއް ދެމި އެއް ނޯންނާނެ. ޖުޑިޝިއަރީ މިއޮތީ ރައީސް މުއިއްޒު ހައިޖެކުކޮށްފައި.
އަލީ ވިދާޅުވީ މަޖިލީހާ ޝަރުއީ ނިޒާމުވެސް ކަސްތޮޅު އަޅުވައި ހައިޖެކުކޮށްގެން ރައީސް މުއިއްޒު ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ހުންނެވުމުން މިހާރު ގައުމުގައި މިނިވަންކަން އޮތީ އެމަނިކުފާނަކަށް އެކަނި ކަމަށް ބުނެވިދާނެ ކަމަށެވެ.