

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށާއި އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވި ކަމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.
ކީރިތި ޤުރްއާން ކިޔަވައި އެއަށް ޢަމަލުކުރުން މުހިއްމުކަން ބަޔާން ކުރައްވައި ރަސޫލާ ހަދީޘް ކުރައްވާފައިވަނީ (إِنَّ الَّذِيْ لَيْسِ فِيْ جَوْفِهِ شَيْءٌ مِنَ القُرْآنِ كَالْبَيْتِ الْـخَرِبِ)މާނައީ: "ހަމަކަށަވަރުން، އެ މީހެއްގެ ހިތުގައި ކީރިތި ޤުރްއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލެވެ."
މީގެ އިތުރުން، ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވައި، އަދި ގިނަގިނައިން އަޑު އަހައިގެން ކަމަށާއި ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމުގެ ސަބަބުން ﷲ سبحانه وتعالىގެ ހަޟްރަތުގައި މަތިވެރި ދަރަޖަ ލިބޭނެކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެކެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚުލާޞްތެރިކަމާއި އުޚުރަވީ ޙަޔާތުގައި ﷲގެ ޙަޟުރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހެއެވެ. ޤުރްއާން ދަސްކުރުމަށް ފަހު ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ޤަވާޢިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.