

މި ސަރުކާރުގެ ސިޔާސީ މަގާމެއް އަދާކުރެއްވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދަނިކޮށް، ނަން ނަގަން އޭނާ އަމިއްލައަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފިއެވެ.
ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖޭއެސްސީން ނިންމީ މިދިޔަ މަހު 30 ގައެވެ.
ނަމަވެސް، ޝަހީދަކީ އެ ނިންމުމާ އެކު މި ފަހާ ޖެހެންދެން ވެސް މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. ޝަހީދު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިވީ މިދިޔަ މަހު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވި ދުވަހުގައެވެ.
އެހެންވެ، ގިނަ ބަޔަކު ވަނީ އެއީ ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުމެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ފަނޑިޔާރުކަމުން ނަން ނަގަން އެދި ޖޭއެސްސީއަށް ޝަހީދު ސިޓީއެއް ހުށަހަޅުއްވާފައިވާކަމަށް ވެއެވެ. ނަން ނަގަން އެދި އޭނާ ހުށަހެޅުއްވީ މަގާމުގެ ހުވާކުރައްވަން ވެސް ތާވަލުކޮށްފައިވަނިކޮށެވެ.
ޝަހީދަކީ މިދިޔަ ރިޔާސީ އިންތިޚާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިޚާބުގައި ވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ.