theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލު / ތޭރަ އޮންލައިން
ސިޔާސީ
ޤައުމު ލޫޓުވާން ވެރިޔާ ޖާގަ ދޭނަމަ ރައްޔިތުން ސަލާން ޖަހަން މަޖްބޫރުވާނެ: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
03 އޯގަސްޓު 2025
މާލެ ސިޓީ

ގައުމުގައި ބައިތުލް މާލުން ވައްކަންކުރަން ފުރުސަތު ވެރިޔަކަށް ހުންނަ މީހާ ތަނަވަސްކޮށްދޭނަމަ ރައްޔިތުންނަށް ސަލާމުގެ ނާށިގަނޑު ހިފައިގެން ނުކުންނަން މަޖްބޫރުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރީ، ބާރަށު ޝުޖާއު 42.5 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ތަފްސީލު އެކުލެވޭ ރިޕޯޓު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން ޕޮލިހަށް ހުށަހެޅުމުން ކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ހިއްސާކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދުރާލާ ރޭވިގެން ހިންގާފައި ހުރި ބޮޑަތި ޖަރީމާތައް މިއަދު ފެންމަތި ވުމުން "ބާރަށު މައިކު" ރުޅިގަނޑު ފަޅައިގެން ދިޔަނަމަވެސް ދިވެހި ގައުމުގައި ތަންދޮރު ދަންނަ މީހުން އަދި އެބަތިބި ކަމަށާ ފެންނަން މިހުރީ ކޮރަޕްޝަނާއި މަނީ ލޯންޑަރ ކުރުން ފަދަ އެތަކެއް ބޮޑެތި ކަންތައް ހިންގާފައިވާ މަންޒަރު ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ބައި އެޅިގެން ފުރަތަމަ ދުވަހު ފެށިގެންވެސް ހިންގާފައި ހުރިކަންތައްކަމަށް ޑރ ޖަމީލު ތުހުމަތުކުރައްވާފައިވެއެވެ.

އެގޮތުން މިއަދު ރައީސް މުއިއްޒު އެހުންނެވީ މުޅި ބަޖެޓް އަތަށް ނަންގަވައިގެން ކަމަށާ އެއާޕޯޓު ޓަމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ދައްކާލި ޑްރޯން ޝޯއާއި، ތަފާތު އިވެންޓުތައް ފަދަ ނަމުން މަޝްރޫޢު ކަންތައްތަކެއް ނޫނީ ގައުމުގައި ނުހިނގާ ކމަަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ އެއީ ރައްޔިތުން ދަވާލަން ރައީސް މުއިއްޒު އަންގަވައިގެން ހިންގާ ކަންތައް ކަމަށް ކުރެވޭ ތުހުމަތަކީ ތޯތޯވާހަކައެއް ނޫން ކަމަށެވެ.

އެކަމުގެ ހެއްކަކީ ޝުޖާއާއި ފަޒުލްއާ، މުޢާޒު، ގޭސް އަބްދުالله، ޒަމީރު، ވަޖީހު މެން ފަދަ މިމީހުންނަށް ގާނޫނީ ފިޔަވަޅެއް ނޭޅުންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ އެމީހުން އެކުރަނީ މުއިއްޒު އަންގަވާ ކަންތައްތައް ކަމަށެވެ.

ރަށްފުށު ސޮރޭ ކީ ނަމަވެސް، ޝުޖާއަކީ މޮޅަށް ކޮރަޕްޝަން ހިންގަން އެކަނި ދަންނަ މީހެއް ކަމަށާ ޕީއެންސީ އެހެން މެމްބަރުންނަށް މަހަކު އެލިބޭ ބައި މިލިޔަނަކީ ޝުޖާޢުމެންގެ ކޮޅުދާލިކޮޅުކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޤައުމެއް މިމިންވަރަށް ލޫޓްވާން ވެރިޔަކު ޖާގަ ދޭތަނެއް ވާނީ ފަގީރު ކަމަށާ ރައްޔިތުން މަގުމަތީގައި ސަލާންޖަހަން މަޖްބޫރުވާނެ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved