

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިދިޔަ އަހަރުން ފެށިގެން ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ޝުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.
އެ ރިޕޯޓު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަން ފެށި ދުވަހެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ޝުޖާއުގެ މައްސަލަ އެމްއެމްއޭ އިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.
ކަމާގުޅުން ހުރި އިދާރާތަކުގައި މަސައްކަތް ކުރާ މި ރިޕޯޓުގެ މައުލޫމާތު އެނގޭ މީހުން ވަނީ މިއީ ސައްހަ ރިޕޯޓެއްކަމަށް ބުނެފައެވެ.
އެފްއައިޔޫގެ ރިޕޯޓު އާންމުންނަށް ފެންމަތިވެ، ބޮޑު މައްސަލަގަނޑަކަށް ވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް ޝުޖާއު މިއަދު ވަނީ ވަކިކޮށްފަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ގޮތުން ޝުޖާއުގެ ބަދަލުގައި މަޖިލިހުގައި މާލީ ކަންކަމާ ގުޅޭ އެންމެ މުހިންމު އެއް ކޮމިޓީއަށް ހަމަޖެއްސެވީ ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދެވެ. ޝުޖާއު ބަދަލުކުރެއްވީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށެވެ