

ދިވެހި އިސްލާމީ ކިއްލާ އަށް އެއްހާސް އަހަރު ފުރެން ކައިރިވެފައިވާ ކަމަށާއި ދިވެހިރާއްޖެ އިސްލާމްވުމަށްފަހު މިހައި ހިސާބަށް އައިސްފައި މިއޮތީ ސުންނީ މުސްލިމް ގައުމެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.
"ސަހާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމް" އަށް މިއަދުގެ ޚުތުބާ އަލިއަޅުވާލައި ޚުތުބާގައި އިތުރަށް ބުނެފައިވަނީ އެއްހާސް އަހަރު އިސްލާމީ ގައުމެއްގެ ގޮތުގައި ވޭތުކޮށްފައިވާއިރު ކުރިއަށް އޮތް ތަނުގައިވެސް ސަހާބީންނާއި ތާބިއީންނަށް މާތްކޮށް ހިތާ، އެބޭކަލުންނަށް ދެއްކެވި ރީތި ނަމޫނާގައި ހިފައި އެ ބޭކަލުންނަށް ފުރައްސާރަކުރާ މީހުންގެ ކިބައިން ބަރީއަވާން ޖެހޭ ކަމުގައެވެ.
ސަހާބީ ބޭކަލުންނަކީ އެންމެ މާތްވެގެންވާ ޤަރުނުގެ އެންމެ ހެޔޮވެގެންވާ ބޭކަލުންކަން އަންގަވައި ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. (خَيْرُكُمْ قَرْنِيْ، ثُـمَّ الَّذِيْنَ يَلُوْنَـهُمْ، ثُـمَّ الَّذِيْنَ يَلُوْنَـهُمْ) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ވެގެންވާ ބަޔަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީހުންނެވެ. ދެން އެއަށްފަހު އައި މީހުންނެވެ. ދެން އެއަށްފަހު އައިމީހުންނެވެ."
މި ނައްޞުތަކުން އަހަރެމެންނަށް އަންގައިދެނީ ނަބިއްޔާގެ ޞަޙާބީންނާއި، އެކަލޭގެފާނުގެ އާލުބައިތުންނަކީ، އަހަރެމެން މަތިވެރިކުރާންޖެހޭނޭ ބަޔެއް ކަމާއި އެ ބޭކަލުންނަށް އިޙުތިރާމުކޮށް އެ ބޭކަލުންނާ މެދު އަހަރެމެންގެ ހިތްތައް ސާފުކުރާންޖެހޭނެ ކަމުގައި ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވީ އެ ބޭކަލުން ކަމަށާއި އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އެ ފަދަ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި، އަހަރެމެންދީނާ ދުރުކުރުވުމަށް ކަމަށާއި އެހެންކަމުން އެފަދަ މީހުންގެ ކިބައިން ދިވެހި އުއްމަތް ސަމާލުވުމަށް ޚުތުބާގައި ގޮވާލައްވާފައިވެއެވެ.
މީގެ އިތުރުން އިސްލާމީ މަތުވެރި އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށް އެއްބައިވަންތަ ވަޠަނެއްގެ ގޮތުގައި ތިބުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިސްލާމީ އަޤީދާއިން ކައްސާލައިފިނަމަ ދިވެހި ގައުމުގެ ތެރޭގައި ބައިބައިވުމާއި ތަޅާފޮޅުން އާންމުވާނެ ކަމަށާއި މިފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.