theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ތެލެސީމިއާ ސެންޓަރަށް އެއްކޮށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތް / ގެޓީ އިމޭޖަސް
ހަބަރު
ތެލެސީމިއާ ސެންޓަރަށް އެއްކޮށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތް!
Sudha Latheef
ސުދާ ލަތީފް
09 އޯގަސްޓު 2025
މާލެ ސިޓީ

މި ސަރުކާރުން ހުޅުވި ތެލެސީމިއާ ސެންޓަރަށް އެއްކޮށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތްކަން ހާމަވެއްޖެއެވެ.

މިއަދު މާލެ ސަރަހައްދުގެ ބޮޑުބަޔަކުން ކަރަންޓު ކެނޑުނު އިރު، ތެލެސީމިއާ ސެންޓަރގައި ކަރަންޓުގެ ބެކްއަޕް އެއް ހަމަޖައްސާފަ ނެތުމުން ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުން ވަނީ މެދުކެނޑިފައެވެ. ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑުނީ ބައެއް މީހުން އެ ޚިދުމަޔް ހޯދުމަށް ސެންޓަރަށް ގޮސް ތިއްބާ ކަން ފާހަގަކުރެވެއެވެ.

ޚިދުމަތް މެދުކެނޑުނު ވަގުތު އެތަނުގައި ހުރި މީހެއްގެ އާއިލާ މީހަކު މައުލޫމާތު ދިން ގޮތުގައި 09:30 ހާއިރު މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔަ އިރު އެތަނުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އަދި 10:20 ހާއިރު އަލުން އެތަނަށް ކަރަންޓު ދިން ނަމަވެސް ލޭ އެޅުމުގެ ޚިދުމަތް އެ ވަގުތު ވެސް ނުފެށޭ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ނަމަވެސް އެތަނުގައި ތިބި މީހުންނަށް ތެލެސީމިއާ ސެންޓަރުން ވަނީ ކަރަންޓް ދިއުމާއި އެކު ބެކަޕް ޖެއްސި ކަމަށް އަންގާފައެވެ. އެހެންނަމަވެސް ބެކަޕުން މުޅި ސެންޓްރަށް ކަރަންޓު ނުދެވޭކަން މިއަދު ހިނގި ކަރަންޓް ހިނގުމުގެ ހާދިސާ އާއި އެކު ވަނީ ހާމަވެފައެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ވަނީ ކަރަންޓު ކެނޑުމުން ތެލެސީމިއާ ސެންޓަރުގެ ބެކަޕް ޖެނެރޭޓަރު ޖައްސާފައިވާ ކަމަށާއި ރައްކާކުރާ ލޭގެ ކޮލިޓީ ރަނގަޅަށް ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ކަރަންޓް ކެނޑުނު ވަގުތު ލޭއެޅުން މެދުކެނޑުނުކަން އެ ވަގުތު އެތަނަށް ޚިދުމަތް ހޯދަން ގޮސް ތިބި އާއްމުން ޔަޤީންކޮށްދިން ނަމަވެސް ސަރުކާރުން ދަނީ އެކަން ދޮގުކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ވަނީ ލޭއެޅުމުގެ ޚިދުމަތް މެދު ނުކެނޑޭ ކަމަށް ވިދާޅުވެފައެވެ. ރައްޒާގް ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުނު ވަގުތު ކްރޮސް މެޗު ހެދުން މެދުކެނޑުނީ 5 ވަރަކަށް މިނިޓަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާހު ކުރީ މޭއި މަހުގެ 26 ވަނަ ދުވަހުއެވެ. ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށްފައި މިވަނީ ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ދަމަނަވެށި ވަރަށް ބޮޑަށް ބައުވެ، އެތަނުގައި ޚިދުމަތްތައް ނުދެވި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން މުޒާހަރާ ކުރުމާ ގުޅިގެންނެވެ. އަދި އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ސަރުކާރުން ބުނިގޮތުގައި މި ސެންޓަރުގެ ޚިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގަ ތަނަވަސްވެ، ޚިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved