
މ.މުލީގައި ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވިއިރު، އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ޑެންގީއަށް ޓެސްޓް ކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައިކަން ހާމަވެއްޖެ އެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެ ހޮސްޕިޓަލުގައި ޑެންގީ ޓެސްޓު ކުރަން ހުރި ކިޓްތައް ހުރީ މުއްދަތު ހަމަވެފައި ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ ޑެންގީކަން ކަށަވަރު ނުކޮށް ކަމަށެވެ. މިކަން ހެލްތް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައު ކިޓްތައްތައް ފޯރުކޮށްދީފައިނުވެއެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލްގައި ހުރި ޑެންގީ ކިޓްތައް މުއްދަތު ހަމަވުމުން، އެކަމަށް އެޓެންޑް ނުވެވި ހަފްތާއެއްހާ ދުވަސް ހޭދަވެފައިވާ އިރު ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަންތަން މި ސަރުކާރުން ވަނީ ދާދިފަހުން ސިދާ ސިއްހީ ވުޒާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސިއްހީ ވުޒާރާގެ ދަށަށް ތަންތަނުގެ އިދާރީ ހިންގުން ބަދަލުކުރުމުން އިދާރީ ގޮތުން ދިމާވާ މައްސަލަތަކާއި ވަސީލަތުގެ ގޮތުން ދިމާވާ މައްސަލަތަކަށް ނިމުމެއް އައީ ކަމަށް ސިއްހީ ވުޒާރާ އިން ވަނީ އޭރު ބުނެފަ އެވެ.
މިދުވަސްވަރު މުޅި ރާއްޖޭގައި ޑެންގީގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. މުލީގައި 17 އަހަރުގެ އަންހެން ކުއްޖެއް ޑެންގީގައި ނިޔާވެފައިވާއިރު، 13 އޭޕްރީލް 2026 ގައި ށ. މިލަންދޫއަށް އުފަން 23 އަހަރުގެ ޒުވާނެއް ވެސް ވަނީ ނިޔާވެފަ އެވެ.










